
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީޤް ވަނީ އެ ކުންފުނީގެ އެންމެ އިސް މަގާމުގެ އިތުރުން އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް ވެސް ހަމަޖައްސަވާފައެވެ.
ޝަފީގަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، 10 އަހަރަށް ވުރެ ގިނަ ދުވަހު ކެޕްޓަނެއްގެ ގޮތުގައި ބޭރު ދަތުރުތައް ވެސް ކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ މާސްޓާ މެރިނާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) އަދި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ހާސިލްކުރައްވައިފަ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބަލްކް ކެރިއާ އާއި ޖެނެރަލް ކާގޯ އަދި ހެވީ ލިފްޓް ކަހަލަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.
މިއީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި އެމްޕީއެލަށް އައްޔަންކުރާ ތިންވަނަ ވެރިޔާއެވެ.
މި ދައުރުގައި އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވި ވަޖީހު އިބްރާހިމް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ގައެވެ.
އެއަށްފަހު ހަމަ އެ މަހު، އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމަށް އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުޙައްމަދު ރިޝްވާން އައްޔަންކުރިއެވެ. ރިޝްވާން އެ މަގާމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ނަމަވެސް މި މަހު އަނެއްކާ ވެސް އެ މަގާމު ހުސްވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް، ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން ވެސް އިސްތިއުފާ ދެއްވުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް މުއިއްޒުގެ އެންގެވުމަކަށެވެ.
ރިޝްވާނު އިސްތިއުފާ ދެއްވީ އެޕްރީލް 6 ގައެވެ.




