
ތިން ބުރިއަށް ހަދާފައިވާ އެ މިސްކިތަކީ ފޭސް ދޭއްގައި އިމާރާތް ކުރެވުނު ދާއިމީ ތިން ވަނަ މިސްކިތެވެ. 1200 މީހުންގެ ޖާގައިގެ މި މިސްކިތާ އެކު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތި ކަމަށް ލުޔެއް ލިބިގެން ދާނެއެވެ.
މި މިސްކިތުގައި އިމާމުވެ މިރޭގެ މަޣްރިބު ނަމާދު ކުރެއްވީ ޝެއިޚް ފައްޔާޒް އަލީ މަނިކު އެވެ. އެ ޖަމާއަތުގައި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އާއި ކުރީގެ މިނިސްޓަރު އަދި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލް ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުންވެސް ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބައެއް އިއްޒަތްތެރިންވެސް މި ޖަމާއަތުގައި ބައިވެރިވިއެވެ.
މަސްޖިދުލް އީމާން
ފައިސަލް ނަސީމް ވަނީ މަޣްރިބް ނަމާދަށްފަހު، އެ މިސްކިތާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. ފައިސަލް ވިދާޅުވެފައިވަނީ އެއީ ޖާގަ ތަނަވަސް، ވަރަށް ފުރިހަމަ އަދި އަޅުކަން އަދާ ކުރުމަށް ފަސޭހަ ވާނެހެން ބިނާ ކުރެވިފައިވާ މިސްކިތެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އެ މިސްކިތް ރަސްމީކޮށް ހުޅުވާނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.




