
ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ރާއްޖޭގައި، ގްރީން ޓެކުހުގެ ނަމުގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
އެގޮތުން މިިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 221,796,366 ރުފިޔާ ލިބިފައިވާކަމަށް، މީރާ (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ހުސްވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 108,263,248 ރުފިޔާއާ އަޅާ ބަލާއިރު 104.8 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ކަމަށް ވާއިރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރު ނަގައެވެ. އަދި މި ޓެކުހުން ހަމައެކަނި އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި މިފަދަ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބޭއިރު، ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރަމުން އަންނަ ރަށް ރަށުގެ ރައްޔިތުންގެ ޝަކުވާއަކީ، އެ ރަށްރަށުގައި އެކަށީގެންވާ ގޮތަކަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްވެފައި ނެތުމާއި، އެ ރަށްރަށުގެ، ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ، ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ވެސް އެކަށީގެންވާ ހަރަދެއް ސަރުކާރުން ކުރަމުން ނުދާކަމުގެ ޝަކުވާ ކަން ފާހަގަކޮށްލެވެއެވެ.




