
ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓު (އައިއީއީޕީއޭ)ގެ ދަށުން، ޓެރިފް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ޓްރަމްޕްގެ ހަރުކަށި އިގުތިސާދީ ސިޔާސަތުގެ ދަށުން، އެމެރިކާއިން ބޭނުންވާ ކަންކަން ކުރުވުމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ ޓެރިފް ބޮޑުކުރުން، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވަމުންނެވެ.
މިގޮތުން، ހިޖުރަވެރިންނާއި މަސްތުވާތަކެތި އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމުގެ ނަމުގައި، މެކްސިކޯ އަދި ކެނެޑާ ފަދަ ވިޔަފާރީގެ މުހިންމު ބައިވެރިން އެމެރިކާ އަށް ބޭރުކުރާ މުދަލުން ޓެރިފް ބޮޑުކުރުން ހިމެނެ އެވެ.
އަދި އެމެރިކާ އަށް ވިޔަފާރީގެ ގޮތުން ގެއްލުންވާ ކަމަށް ބުނެ، ޗައިނާ ފަދަ ގައުމުތަކުން އެތެރެކުރާ މުދަލުން ވެސް އެތައް ގުނައަކުން ޓްރަމްޕްގެ ސަރުކާރުން ވަނީ ޓެރިފް ބޮޑުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ، ޓެރިފާ ގުޅޭ އެހެން ގާނޫނުތަކުގައި ޓެރިފް ބޮޑުކުރުމުގެ މާއްދާތައް ސާފުކޮށް ބަޔާން ކޮށްފައިވާއިރު، އައިއީއީޕީއޭގައި އެ ވާހަކަ ހިމަނާފައި ނުވަނީ، އެ ބާރު ރައީސަށް ދޭން ބޭނުން ނުވުމުގެ މަގުސަދުގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާ އެކު، ޓްރަމްޕް ބޮޑުކޮށްފައިވާ އެވްރެޖު ޓެރިފް ރޭޓު، 16.8 ޕަސެންޓުން 9.5 ޕަސެންޓަށް ދަށްވާނެ ކަމަށް އިގުތިސާދީ މާހިރުން ލަފާކުރައްވައެވެ.
މި ކަމުގެ ސަބަބުން، އެމެރިކާގެ މައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 100 ބިލިއަނާއި 120 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ރާއްޖޭގައި ކަން ހިނގާ ގޮތް އަޅާކިޔައި ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ފާޑުކިޔުން އަމާޒު ވެފައެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަ ކުރެވެނީ ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ފަހުން ރާއްޖޭގެ ނައިބްރައީސްކަން ވެސް ކުރެއްވި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވާ ވާހަކަ ތަކެވެ.
ޑރ.ޖަމީލު ވިދާޅުވެފައިވާގޮތުގައި، ދުނިޔޭގެ ޑިމޮކްރަސީތަކުގައި ވެރިމީހާ ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަން ޖާގައެއް ނުދެއެވެ. އަދި ވެރިމީހާ ކުރާކަންތައް ގާނޫނުގެ ހުދޫދުތެރޭ ހިފަހައްޓަން އޮންނަ ދުސްތޫރީ ޒިންމާ ޖުޑިޝަރީން އަދާކުރެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުގެ ޚަބަރާއެކު، އެމެރިކާގެ ސުޕްރީމް ކޯޓުން ފެނިގެން މިދިޔައީ އެތަން ކަމަށް ޑރ.ޖަމީލު އެކްސްގައި ލިޔުއްވާފައި ވެއެވެ.
"ރާއްޖޭގައިވެސް މި ޒިންމާ ދުސްތޫރުން އޮތީ ކޯޓްތަކާ ހަވާލުކޮށްފައި. ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ތަސައްވަރު ކުރަނީ ދައްކާ ބިރަކަށް ޖެހިލުން ނުވާ ޖުޑިޝަރީއެއް.. އެކަމަކު މުއިއްޒު ލަފުގައި ހިފާފަ ހޫރުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މުއިއްޒު ހުށަހަޅައި ފާސްކުރި މުއިއްޒަށް މަޖްލިހުގެ ބާރު ލިބޭ ގާނޫނުގެ ދުސްތޫރީ ހައިސިއްޔަތު ބަލަން ފެށުމުން ނޫންތޯ އެވެ؟ އެއަށްފަހު މިއަދާ ހަމަޔަށް އެ ކޯޓުން މާނަވީ އެއްވެސް ކަމެއްކޮށްފިތޯ އެވެ؟ އެ ކޯޓުގެ ރައުޔަށް ބޭނުންވާ ބޮޑަތި އެއްވެސް ކަމެއް ނިންމައިފިތޯ އެވެ؟" ރައީސް މުއިއްޒު ޓެގް ކުރައްވައި ޑރ.ޖަމީލު ލިޔުއްވާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ރާއްޖޭގެ ހައިކޯޓާއި މުޅި ޖުޑީޝަރީވެސް އޮތީ އެހާލަތުގައިކަން ޖަމީލު ފާހަގަކުރައްވާފައި ވެއެވެ.
"މިއަދު ހައިކޯޓުގެ ދޮރުން އެތެރެއަށްވެސް މައްސަލައެއް ވެއްދޭތޯއެވެ؟ މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ގަޑުބަޑު ކުރަން މުއިއްޒަށް ހިތްވަރު ލިބެނީ ދަތްނެތް މި ޖުޑިޝަރީއޭ ކިޔާ ސިންގާގެ ސަބަބުންނެވެ." ޑރ.ޖަމީލް ވިދާޅުވެފައި ވެއެވެ.
މުޅި ރާއްޖޭގެ 3 ބާރުގެ ތެރޭ މައްސަލަތައް ނުހަނު ގިނަކަން ފާހަގަ ކުރައްވާ ޑރ.ޖަމީލް ވިދާޅުވެފައިވަނީ "އެންމެ ޚަރަދު ބޮޑު، ނަތީޖާ ޒީރޯގައި އޮތް އެންމެ ޑިސްއެޕޮއިންޓިންގ ތަނަކީ ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖޭގެ ޖުޑިޝަރީ" ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަން ދެބައިވާން ދާއިރު ޖުޑީޝަރީއަށް ވަނީ ބޮޑެތި ބަދަލު ތަކެއް ގެންނަވާފައެވެ. އެ ބަދަލުތަކަކީ އެ މަނިކުފާނުގެ ނުފޫޒާއި ބާރު ޖުޑީޝަރީގައި ގަދަ ކުރެއްވުމަށްޓަކައި ގެންނަވާފައި ބަދަލުތަކެވެ. އޭގެ ތެރޭގައި އެކި ބަހަނާތައް ދައްކަވައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން ބަދަލުކުރައްވައި، ސުޕްރީމް ކޯޓާއި ހައިކޯޓް އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވަކި ކުރެއްވުން ހިމެނެއެވެ.
ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު ބޭނުންފުޅުވާ ފަނޑިޔާރުން ލައްވާފައިވީނަމަވެސް، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގިނަ ދުސްތޫރީ މައްސަލަތަކެއް ވަނީ ކުރިއަށް ނުގެންގޮސް މެދުކަނޑާލާފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުމެއް ވެސް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
އޭގެ ތެރޭގައި މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން އެއް ދުވަހުން ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ ހިމެނެއެވެ.




