އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ފޮޓޯ: ޔޫއެސްއެސްސީ
އީރާންގެ ބޯފެން އުފައްދާ ނިޒާމަށް ހަމަލާދީ އެގައުމު ފެނަށް ޖައްސާނަން - ޓްރަމްޕް
ޖުނާން އަޙުމަދު 31 މާރޗް 2026 (އަންގާރަ)   14:26
ޔަހޫދީ އިސްރާއިލާ އެމެރިކާ ގުޅިގެން  އިރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި، އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ގައުމުގެ ސާފު ބޯފެން އުފައްދާ ނިޒާމަށް ހަމަލާތައް ދީ، ސުންނާފަތިކޮށް އީރާންގެ ރައްޔިތުން ފެނަށް ޖައްސާނެކަމުގެ ބިރުވެރި އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދީފިއެވެ.

ޓްރަމްޕް ބުނީ، އޭނާ ބޭނުންވާ ކަންކަމަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އެ ގައުމުގެ ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓުތަކާއި އިންޖީނުގެތައް ސުންނާފަތި ކޮށްލާނެ ކަމަށެވެ.

އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމަށް އީރާނުގެ އޮފިޝަލުން އިންކާރުކުރަމުންދާއިރު ވެސް، ޓްރަމްޕް ވަނީ އޭޕްރީލް 6 ގެ ކުރިން ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލައިފި ނަމަ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ.

ޓްރަމްޕްގެ އިންޒާރަކީ އީރާނުގެ ރައްޔިތުންގެ ދިރިހުރުމުގެ ހައްގަށް އަރައިގަތުމަށް ދީފައިވާ ހާމަކަން ބޮޑު އިންޒާރަކަށް ވާއިރު، ބައިނަލްއަޤުވާމީ ގާނޫނުތަކަށް އެމެރިކާއިން އިހުތިރާމުކުރާނެ ކަމުގައި ވައިޓް ހައުސްއިން ވެސް ބުނެފައި ވެއެވެ.

މިއީ އީރާނުގެ ތެޔޮ ވަޅުތަކާއި، ކަރަންޓު ވިއުގައިގެ އިތުރުން ހާރިގް ރަށަށް އަމާޒުކޮށް ޓްރަމްޕް ދީފައިވާ އިންޒާރެއް ކަމަށް ވާއިރު، ވަކިން އޮންނަ ރަށެއް ކަމުގައިވާ ހާރިގަކީ އީރާނުގައި އުފައްދާ ތެޔޮ ބޭރުކުރާ މައި މަރުކަޒެވެ. އެ ފަދަ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި ނަމަ، ހަސްފަތާލުތަކުގެ ހިޮދުމަތް ހުއްޓި، ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް