ހޮރުމޯޒު ކަނޑުއޮޅި.- ފޮޓޯ: ރޮއިޓާޒް
ހޮރުމޯޒު ކަނޑުއޮޅި ހުޅުވާނީ ލިބުނު ގެއްލުމުގެ ބަދަލު ދީފިނަމަ - އީރާން
ޖުނާން އަޙުމަދު 6 އޭޕްރީލް 2026 (ހޯމަ)   08:49
ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ހޮރުމޯޒު ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އިރާނުން ބުނެފިއެވެ.

އިއްޔެ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އިރާނުގެ ރައީސް އޮފީހުގެ ޑެޕިއުޓީ ކޮމިއުނިކޭޝަންސް ސައްޔިދު މެހްދީ ވިދާޅުވީ އެގައުމުން ހޮރުމޯޒް ކަނޑުއޮޅި ހުޅުވުމަށް ތައްޔާރު ނަމަވެސް، ކަނޑު އޮޅި ހުޅުވޭނީ ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ.

އިރާނުން ހޮރުމޯޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އިރާނުގެ ހަކަތަ އުފައްދާ ތަންތަނުގެ އިތުރުން އިރާނުގެ މުހިންމު އުމްރާނީ ބިނާތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާއިރު، އޭރު އެމެރިކާއިން ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ.

މި ހަނގުރާމައިގައި، އިރާނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރު ކަމަށްވާ ހޮރުމޯޒު ކަނޑުއޮޅި އެގައުމުން ބަންދުކުރުމާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށްބޮޑަށް ލޮޅުން އަރާފައި ވެއެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ އިރާނަށް ފެބްރުއަރީ މަހު ދޭންފެށި ހަމަލާތަކަށްފަހު މެދުއިރުމަތީ ފެށުނު މި ބޮޑު ހަނގުރާމައަށް މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކޮމެންޓް