
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހިންގި މި މާރާމާރީގައި، ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު އެ ދެމީހުންނަކީ ވެސް ބަންގްލަދޭޝްގެ ދެ ރައްޔިތުންކަމަށް އެ ދެ މީހުންގެ ބަންދު އަމުރުގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އެ ދެ ބަންދު އަމުރެއްގައި ވަނީ، ތުހުމަތުވާ ކުށް، އެ ދެމީހުން ވެސް ކުރި ކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން އެކަކަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 35 އަހަރުގެ މުހައްމަދު މޮޝަރޮފް ކަމަށާއި، ދެވަނަ މީހަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ، 36 އަހަރުގެ ނަޔަން މިއާ ކަމަށް ވެސް ބަންދު އަމުރުގައި ވެއެވެ.
މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ހަތް ދުވަހަށް ބަންދު ކުރަން އަންގައިފައިވާ، އެ ދެ މީހުންގެ ބަންދު އަމުރުގައި ވެސް ވަނީ، ދެ މީހުންގެ ސްޕޮންސަރާ ގުޅޭނެ އިންތިޒާމު ހަމަޖައްސައި، ސްޕޮންސަރުގެ ބަހެއް ހޯދުމަށް ވެސް އަންގާފައެވެ.
އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ އެ މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފިލައިފައިވާ ކަމަށް، އެ މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވަނީ ވިދާޅުވެފައެވެ.
ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނަ މި ރާއްޖޭގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ގިނަވެފައި ވާއިރު، މީގެ ކުރިން ވެސް ބިދޭސީންގެ މެދުގައި ބޮޑެތި މާރާމާރީތައް ހިންގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައި ވެއެވެ.
މިކަމާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ، ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރު ތެރޭ ޑީޕޯޓް ކުރާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ދާދިފަހުން މާލޭގެ ރައްޔިތުންނާ ކުރެއްވި ބައްދަލުކުރެއްވުންތަކުގައި ވިދާޅުވެފައި ވަނީ ރޭގަނޑު ބާރައިގެފަހުން ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އޭގެ ކުރިން، މި ސަރުކާރު ވެރިކަމަށް އައިތަނާ ކައިރީގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، މާލޭގެ ކޮންމެ ސަރަހައްދަކުން ކަމުގައި ވިޔަސް، ކޮންމެ 5 މިނެޓަކުން ކޮންމެ މީހަކާވެސް ފުލުހަކު ދިމާވާނެ ކަމަށެވެ.




