
އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނިމާލަށް ސްޓްރޯކެއް ޖެހިގެން ޑިސެމްބަރު 31 ވަނަ ދުވަހުގެރޭ ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ޖެހިގެން އައި ދުވަހު އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.
ސައިކަލްގައި ދަނިކޮށް، ސްޓްރޯކް ޖެހުމާއެކު ނިމާލްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، މިދިޔަ ދެ މަސް ދުވަހު ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޮތީ ކޯމާއެއްގައެވެ.
އެނގިފައިވާ ގޮތުގައި ނިމާލް ރާއްޖެ އިިން ބޭރަށް ގެންދަން އާއިލާ އިން މަސައްކަތްކުރި ނަމަވެސް ހާލު ސީރިއަސްކަމުން އެކަން ކާމިޔާބުވާ ގޮތެއް ނުވީއެވެ.
ފިލްމު ޑައިރެކްޓު ކުރަން ފެށުމުގެ ކުރިން، އެކްޓަރެއްގެ ގޮތުގައި 1984 ވަނަ އަހަރު ނިމާލް ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ އީސާ ޝަރީފްގެ "ނުފޫޒު" ފިލްމުންނެވެ.
އޭގެ ފަހުން، 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ"އަކީ ދިވެހި ތާރީހުގައި ދިވެހިންގެ މަގުބޫލުކަން ހޯދި އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.




