ގަތަރު އެއާވޭސްގެ ފްލައިޓެއް ރާއްޖޭގައި، އެ އެއާވޭސްގެ ދަތުރުތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައި.--
ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން މަސައްކަތް ކުރަނީ
ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުންވެސް ވަނީ ދަމަހައްޓާފައި
ޖުނާން އަޙުމަދު 1 މާރޗް 2026 (އާދީއްތަ)   14:31
މެދު އިރުމައްޗަށް ދިމާވެފައިވާ ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، މި ބައްރުގެ ދެކުނު އިތުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާތައް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިކަމާގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާ، ހާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.

އެ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުން ކަމަށާ، އެ މިނިސްޓްރީގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.


"މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް. މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިތުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން މި މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާކުރަމުން،" - ޓްރާންސްޕޯޓް މިނިސްޓްރީ


އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ބުނެ އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވާއިރު، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ރޭ މީޑިއާގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިބި ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިފައި ވާއިރު، އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައި ކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 14 ފުލައިޓެއް ވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން މިހާރު ދަމަހައްޓައިފި ކަމަށް ވެސް އެ ގައުމުން މިއަދު ވަނީ ބުނެފައެވެ.

ގަތަރު އެއާވޭސްއިން ބުނީ ދަތުރުތައް އަލުން ފަށާނީ ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކަމާއެކު އަލުން ހުޅުވާލިކަން އިއުލާނު ކުރުމުން ކަމަށެވެ.

ކޮމެންޓް