
އެކަން ބަޔާންކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ މީހުންނަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާ، އެގޮތުން ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މި ފިޔަވަޅު އެޅުމަށް ނިންމީކަމަށެވެ.
އެހެންކަމުން، ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާންމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލްތައް ހުންނަ ސަރަޙައްދުތަކުގައި ބަރު އުޅަނދުތައް ދުއްވުމާއި އެފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ އެ އިއުލާނުގައި ބަޔާންކޮށްފައިވަނީ އެފަދަ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަކީ ހެނދުނު 06:00 އިން ހެނދުނު 08:30 އާ ދެމެދުގައި ކަމަށާ، އަދި ހެނދުނު 11:30 އިން މެންދުރު 01:30 އާ ދެމެދުގައި ވެސް އެފަދަ އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.
އެ ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވަނީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރު ކަމަށާ، އަދި މި އުޅަނދުފަހަރަށް އެ ގަޑިތަކުގައި ދަތުރުކުރެވޭނީ ހަމައެކަނި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ ވަގުތުތަކުގައި މާލޭގެ އެތެރޭގެ މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުމަކީ ވެސް މަނާކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މި އެންގުމަށް ފުރިހަމައަށް އިހުތިރާމުކޮށް، އެ ގަޑިތަކަށް އަމަލުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް ބުނެ މިނިސްޓްރީން ބުނެފައިވަނީ، އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.




