
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތުގެ ތެރެއިން، މާލޭގައި އެޅުމަށް ނިންމާފައިވާ މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެގޮތުން ސޯސަން މަގު އެމްއެންޔޫ ބިޒްނަސް ސްކޫލާ އިންވެގެން އޮތް ޕާކިން ޒޯނާއި، ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
އަދި އެތަންތަނުގައި ޕާކު ކުރުމަށް ނަގާނީ ކުޑަ ފީއެއް ކަމަށާއި އެތަންތަނުގެ ޕާކިން ފީ ކަނޑައަޅާނީ ސަރުކާރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ދެ ބިމުގައި ޕާކިން އިމާރާތްތައް އަޅަނީ މާލޭގެ މަގުތަކުގެ ދެ ފަޅީގައި ޕާކު ކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން، މެކޭނިކަލް ޕާކިން އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް ބޭސިސްއަށް ޕާކިން ނިޒާމުތައް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން، މާލޭ ބޮޑުތަކުރުފާނުމަގުގައި ތަރައްގީކުރި ޕާކިން ޒޯނުގައި ވަކި ގަޑިތަކެއްގައި އޮން ޑިމާންޑު ބޭސިސްއަށް ކުޑަ އަގެއްގައި 'ޓަޗު އެންޑް ގޯ' އުސޫލުން ޕާކިން ފީއެއް ނެގުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ މިއަހަރުގެ މާރިޗްމަހުގެ ތެރޭގައި ވަނީ އަޅާފައެވެ. މި އިމާރާތަކީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ. ހުޅުމާލޭ ފޭސް 1ގައި ތަރައްގީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.
މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ދެއެވެ. އެ އިމާރާތްތަކާއެކު 4 ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.




