
އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޫބަރު 3، ގައި ބޭއްވި މުޒާހަރާގެ މައްސަލައިގައި ޖުމްލަ 15 މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއެވެ. އޭގެ ތެރެއިން 8 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީން ވަނީ، ފެބްރުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ؛
-
މި މީހުންގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ، ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމެވެ. އެ ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް މި މީހުންނަށް ކުރެ އެވެ.
މިއީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުވާ ކުރަން އުޅެނީ ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށްގެން އެ ޕާޓީން އިންތިޒާމުކުރި ސުލްހަވެރި ސިޔާސީ އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ބަޔެއް ކަމަށެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ދުވަހުގެ މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތް ކުރީ ސަރުކާރުގެ އެންގުމުގެ ދަށުން ފުލުހުންނެވެ.
"ދެންނެވުނު އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށް ޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ކަމާއި، އަދި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށް ޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމާއި، އަނިޔާވެރި ކަމާއެކު އެތައް ބަޔަކު ހައްޔަރު ކުރި ތަން ދިވެހި ރައްޔިތުންނަށް ވާނީ ފެނިފަ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ "މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި، އަދި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު މި ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް" ކަމަށެވެ.
ޑރ.މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކޮށް އެ ޕާޓީން ބުނެފައިވަނީ އެފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަމަށެވެ.




