
އުތުރު ގަޑުބަޑު ނުވަތަ އުތުރު އަރުމާޒު ނިސްބަތްވަނީ ބޮޑު ތިލަދުންމައްޗަށެވެ. އެއީ، ގުދުރަތީގޮތުން އުފެދިފައިވާ އެއް އަތޮޅު ކަމުގައިވާ ތިލަދުންމައްޗާއި، މިލަދުންމަޑުލާއި އަދި މާމަކުނޫ އަށެވެ. އެއީ މިހާރުގެ ހއ، ހދ، ށ އަދި ނ އަތޮޅެވެ.
އުތުރު ގަޑުބަޑު ހިނގީ، މީގެ 83 އަހަރުކުރިން، 1943 ވަނަ އަހަރު އެވެ. އޭރު ރަސްކަމުގައި ހުންނެވީ އަލްސުލްތޯން ހަސަން ނޫރައްދީނު (ދެވަނަ) އެވެ. ދާހިލީ ވަޒީރުގެ ހައިސިއްޔަތުން ގައުމު ހިންގަވަމުން ގެންދެވީ މުހައްމަދު އަމީން ދީދީ އެވެ. މި ހާދިސާ ހިނގަން މެދުވެރި މައިގަނޑު ސަބަބަކީ އަތޮޅުތަކުގެ ރައްޔިތުންކުރެ ކޮންމެ މީހަކަށް ބޮޑު އިސްޓޯރުން ރެއަކާއި ދުވާލަކަށް ވިއްކަމުންދިޔަ އެއްލާހި ހަނޑުލުގެ ބަދަލުގައި ބައިލާހި ހަނޑޫ ވިއްކަން ފެށުމެވެ. މިއާ ހިލާފަށް މާލޭ މީހުންނަށް ރެއަކާއި ދުވާލަކަށް އެއްލާހި ހަނޑޫ ބޮޑު އިސްޓޯރުން ވިއްކައެވެ.
އޭރު ރާއްޖެއޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައެވެ. ހިނގަމުން ދަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައެވެ. އޭގެ ތަދާއި ހޫނު ދިވެހިރާއްޖެ ދިޔައީ ތަހައްމަލުކުރަމުންނެވެ. މިފަދަ ހާލަތެއްގައި ރާއްޖެ އޮއްވައި ރައްޔިތުންގެ ބޮޑު އިސްޓޯރު ގާއިމު ކުރެއްވައި، ވޯރާއިންނަށް މަސްކިރުވުން މަނާކުރެއްވިއެވެ. އަދި އެއްވެސް ރަށަކަނުން ސީދާ ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރެއްވިއެވެ. ސަރުކާރުގެ މި ފިޔަވަޅުތަކުގެ ސަބަބުން ކާނޭ ބޯނޭ ގޮތެއް ނެތި، ކަނުއަނދިރީގައި ތިބި ރައްޔިތުންވީ ބިކައެވެ. ސަރުކާރުން އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބަނޑުހައިހޫނުކަމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ނަތީޖާއަކަށްވީ ބޮޑު ތިލަދުންމަތީ ރައްޔިތުންގެ ރުޅި ހައްދުން ނެއްޓިގެން ދިޔުމެވެ.
ބުނެވޭ ގޮތުގައި މި ހަބަރު ސަރުކާރަށް ގެނެސްދިނީ ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނާއި، ހދ.ނޮޅިވަރަންފަހު ކަތީބު އާދަމް މަނިކެވެ. ބޮޑު ތިލަދުއްމަތީގެ ކަންކަމާއި ހާލަތު މުހައްމަދު އަމީނަށް ކިޔައި ދިނުމުން މިކަމާ މާބޮޑު ފަރުވާލެއް ނުބެހެއްޓެވިއެވެ. މި ދެމީހުންގެ އަތަށް ސިޓީއެއް ދެއްވާފައި ފޮނުވާލެއްވީއެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ހަބަރުތަކާއި ގުޅިގެން ސަރުކާރުން މިކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވިއެވެ. މިގޮތުން މުހައްމަދު އަމީން އިސްވެ ހުންނަވައި، މާލޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެއްވިއެވެ. އަދި ބޮޑުތިލަދުންމަތީގެ ރައްޔިތުން މާލެއަށް މިސްރާބު ޖެހުމުގެ ކުރިން ސުލްހަކޮށް، ފިނިކުރެވޭތޯ ބެލުމަށް ހާއްސަ ވަފުދެއް ފޮނުއްވިއެވެ. މިވަފުދުގައި ހިމެނިވަޑައިގަތީ ފަލީލަތުއްޝައިހު މުހައްމަދު ޖަމީލު ދީދީ އާއި މަލިން މުހައްމަދު ދީދީ އެވެ. މިބޭފުޅުން މާލޭން ފުރީ 22 ފެބުރުއަރީ 1943 މި ތާރީހުގައެވެ.
ބޮޑުތިލަދުންމައްޗަށް ފޮނުއްވި ވަފުދު ފުރަތަމަ ދިޔައީ ހދ.ވައިކަރަދޫ އަށެވެ. އެއަށްފަހު ހދ.ނޮޅިވަރަންފަރަށެވެ. މި ދެރަށުން މާބޮޑު މައްސަލަތަކަކާއި ކުރިމައްޗެއް ނުވެއެވެ. އަދި މި ދެރަށުގެ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ނަސޭހަތް ދެއްވުމަށްފަހު މި ވަފުދު ދެން މިސްރާބު ޖެހީ ހދ.ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަކީ މި މަދަނީ ބަސް ނޭހުމުގެ އޮޕަރޭޝަން ހިންގާ މައި ރަށެވެ. މި ވަފުދުގެ މިސްރާބަކީ ހުކުރު ދުވަހުގެ ހުކުރު ގަޑިއަށް ކުޅުދުއްފުއްޓަށް އެރުމެމެވެ. ނަމަވެސް މި ވަފުދަށް ފާރަލައި، ޖާސޫސު ކުރަން އުޅުނު ދޯންޏަކަށް، މި ވަފުދު ކުޅުދުއްފުއްޓަށް އަންނަ ހަބަރު ލިބި، މި ވަފުދުގެ ކުރިން ކުޅުދުއްފުއްޓަށް ގޮސް އެހަބަރު ރައްޔިތުންނަށް ދީފިއެވެ. ކުޅުދުއްފުށީގައި ހުރި ކޮމާންޑު ސެންޓަރުން ނިންމީ މި ވަފުދު އަންނަށް ވާއިރަށް ވަލަށް ވަދެފިލުމަށެވެ. އެއީ، މި ވަފުދު އަންނައިރު މާގިނަ މީހުން ބަނދަރުމަތީ ތިބެއްޖެނަމަ، ރަށަށް ނާރައި، ހިނގައިދާނެތީއެވެ. ސަރުކާރުގެ ވަފުދަށް ކުޅުދުއްފުއްޓަށް ފޯރާވަރުވީ މެންދުރު ފަސްވެ، ހަވީރު ފިނިޖެހުނު ފަހުންނެވެ.
ވަފުދު ދަތުރުކުރި ދޯނި ކުޅުދުއްފުށީ ފަޅަށް ވަނުމާއެކު ދަރުގަނޑަކުން ހިނި އުތުރޭހެން ފިލައި ތިބި މީހުންތައް ބަނަދަރު މައްޗަށް ނިކުންނަށް ފަށައިފިއެވެ. ނިކުތް މީހުންގެކޮމާންޑަރަކަށް ހުރީ ކުޅުދުއްފުށީ، އަލަވަލު މޫސާއެވެ. ނިކުތް މީހުން ދިޔައީ ހެއްދެވި ނެހެއްދެވިއަށް ގޮވަމުންނެވެ. އަދި މި ނިކުތް މީހުން ތިބީ ރައްދު ހަމަލާއަކަށް ތައްޔާރުވެގެންނެވެ. ކުރެއްޖާއި، ލަކުޑި ބުރި ހިފައިގެންނެވެ. މިހާވަރަށް ރައްޔިތުން ރުޅިއަރައިގެން ގޮޑުދޮށަށް ނިކުތީ ގިނައަދަދެއްގެ ބިޑި ހިފައިގެން މާލެއިން ބަޔަކު ރައްޔިތުން ހައްޔަރުކުރަން އަންނަ ހަބަރު ލިބިފައި އޮތުމާއި މާލެ ގޮސްފިއްޔާމުން ގަޔަށް ބަޑިޖަހާނެކަމަށް މާދޫގޭ އަހުމަދު ކަލޭފާނު ވިދާޅުވެފައި އޮތުމުންނެވެ. މި މީހުން މައިތިރި ކުރެވޭތޯ މުހައްމަދު ޖަމީލު ދީދީ ދޯނީގެ ދިރުބާ ކޮޅަށް ގޮސް ނަސޭހަތް ދެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރައްޔިތުން މައިތިރި ނުވުމުން ވަފުދުން ނިންމީ ފުރައިގެން ދާށެވެ.
މުހައްމަދު ޖަމީލު ދީދީ ލިޔުއްވި 'ތިލަދުންމަތީ ދަތުރުގެ ހަނދާން' މި ފޮތުގައި ލިޔުއްވާފައި ވެއެވެ. "އެތަނުން އެއް ދޯނި ކައިރިކޮށްލާފައި ފަނާދަނޑި އާއި ފަލިތަންޑުތަކުން ތަޅައި ގަންނާން ދިމާކުރިތަނާ އެހެން ދޯންޏެއްގައި ހުރި ބޮޑުރުއްދޮށުގޭ މޫސާ ފުންމައިގެން ގޮސް އެދޯނީގެ ހުންގާނުގައި ހުރި މީހާ ކޮއްޕާލައި ހުންގާނު އަތުލައި، ދުރަށް ޖައްސާފިއެވެ. މިކަހަލަ ހާލެއްގައި ގޮވައިގެން ދިޔައިރު އަޅުގަނޑުމެން ތިބީ މުޅިން ބާރު ހުސްވެ ބުނާނެ އެއްޗެއް، ކުރާނެކަމެއް ނެތިފައެވެ. އިރުވެސް އޮއްސިއްޖެއެވެ. އަނދިރިވެސް މޫސުމެވެ. ތިބީ ކަނޑުމަތީގައެވެ. ވަށައިގެން ތިބީ ޖަނަވާރުތަކެއް ކަހަލަ، އެއްވެސް ގޮތެއް ފޮތެއް ނުދަންނަ ޖާހިލު ބައެކެވެ. އިތުބާރު ކުރެވޭ ކަހަލަ ދެތިން މީހަކު ނޫނީ ކައިރިއަކު ނެތެވެ. ކިތަންމެހާވެސް ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑެވެ. ހަމައަކުން ކިއެއްތަ ނަހަމައަކުން ނަމަވެސް ވާހަކަ ދައްކާ ނަސޭހަތް ދެވޭނެ ގޮތެއް ނެތެވެ. ލަވާ ހަޅޭކާއި ގޮވާ އެއްޗެއްސާ ހުރެ ހައިރާންވާ ވަރުވެއެވެ. ދެން ހީވަނީ ދެންމެ ދެންމެ އަރައިގެންފާނެ ހެންނެވެ. ބައެއް ދޯނިތަކުން ކުނބުކަފި ލުއްސައިގެން މަޅައިގަނެއެވެ. އަނެއްބަޔަކު ފަނާދަނޑިއާއި ފެންފުޅަފި ފަދަތަކެތި ހިފައިގެން މަޅައިގަނެއެވެ."
މި ހާލެއްގައި ވަފުދު ފުރައިގެން ދަނިކޮން ހިފަހައްޓާ ކުޅުދުއްފުށީ ފަޅަށް ވެއްދީ އިޝާނަމާދަށް ކައިރިވެފައި ވަނިކޮށެވެ. އަދި ސަރުކާރުގެ ވަފުދުގެ މީހުން ކުޅުދުއްފުއްޓަށް ބޭލުމާއެކު ކުޅުދުއްފުށީ މުހައްމަދު ކަތީބު ރައްޔިތުންނަށް ނަސޭހަތްދީ ބަނދަރުމަތިން ފޮނުވާލީއެވެ.
އިޝާނަމާދަށްފަހު ވަފުދުގެ ބޭފުޅުން ރައްޔިތުންނާއި ބައްދަލުކޮށް ސުލްހައިގެ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ކުޅުދުއްފުށީ ހަވަރު އޮތީ މީހަކު ދައްކާ ވާހަކައެއް އަޑުއަހާ ގޮތަކަށް ނޫނެވެ. އަދި ވަފުދުގެ މީހުންނަށް މާލެ ފުރޭނީ ބޮޑުތިލަދުންމަތީ ރައްޔިތުން މާލެދާން ފުރުމުންކަމަށް ވަފުދަށް އަންގައި، ކުޅުދުއްފުށީގައި ހިފެހެއްޓިއެވެ. އަދި މި ވަފުދު ދޫކޮށްލީ އޮޑިތައް މާލެދާން ފުރުމުންނެވެ.
އުތުރު އަރުމާޒު
ސުލްހައިގެ ވާހަކަތަކަށް ކުރިއެރުން ނުލިބުމާއި ގުޅިގެން 27 ފެބުރުއަރީ 1943 މި ދުވަހު ބޮޑުތިލަދުންމަތީ އޮޑިތައް މާލެދިޔުމަށް ނިންމައި، 28 ފެބުރުއަރީ 1943 މި ތާރީހުގައި އޮޑިތައް މާލެދާން ފުރިއެވެ. މި އަރުމާޒުގައި ބޮޑުތިލަދުންމަތީގެ ރަށްތަކުން ނ. ހޮޅުދޫ ފިޔަވައި ހުރިހާ ރަށަކުން ބައިވެރިވިއެވެ. މި އަރުމާޒުގައި ޖުމްލަ 552 ގަނޑެތީގައި 7452 މީހުން ބައިވެރިވިއެވެ. މި އަރުމާޒުގެ ވެރިއަކަށް ނުވަތަ ކޮމާންޑަރަކަށް ހުންނެވީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނެވެ.
ވެލިދޫ ދެކަލޭފާނު ދަތުރަށް އެރުން
އަހުރެންގެ ބައްޕަ ނ.ވެލިދޫ އަލީ މޫސާ ކަލޭފާނު ވިދާޅުވި ގޮތުގައި އުތުރު އަރުމާޒު ތިލަދުންމަތިން ނައްޓާލިއިރު، ވެލިދޫ މޫސާ ކަލޭފާނު (ދޮންކަތްދަ މޫސަ) އާއި، ވެލިދޫ އާދަމް ކަލޭފާނު (ދޮން އާދަމްބެ) ތިއްބެވީ ނ.ދޮނައެރި ކަނޑޫދޫގައެވެ. އަރުމާޒު ށ.މާއުނގޫދޫއާ އަރާ ހަމަވެއްޖެކަމުގެ ހަބަރު އާދަމް ކަލޭފާނު މޫސާ ކަލޭފާނަށް ދެއްވުމުން، އަހަރުމެންވެސް މި އަރުމާޒުގައި ބައިވެރިވާންވާނޭ ކިޔައި، ދެ ކަލޭފާނު އަވަހަށް ވެލިދޫއަށް އައެވެ. އަދި މިދަތުރަށް އަރާންތިބި ވެލިދޫ މީހުންނާއެކު ދެކަލޭފާނު އަރުމާޒާ ގުޅި ދަތުރަށް އެރީ ނ.ވިހަފަރާ ހިސާބުންނެވެ.
މޫސާ ކަލޭފާނު (ކ) އާއި އާދަމް ކަލޭފާނު.--
ވެލިދޫ މޫސާ ކަލޭފާނަކީ އަހުރެން ބަފައިފުށުގެ ކާފައެވެ. ވެލިދޫ އާދަމް ކަލޭފާނަކީ އަހުރެންގެ މައިފުށުގެ ކާފަ އަބްދުލްހަކީމު އުމަރުގެ ބޮޑުބޭބެއެވެ. އަދި އަހުރެންގެ މުނިކާފަގެ ދަރިއެއްކަމުގައިވާ ދޮންހައްވައާ އާދަމް ކަލޭފާނު ކައިވެނި ބައްލައިވައިގަތުމުގެ ސަބަބުން އާދަމް ކަލޭފާނަކީވެސް އެތައް ގޮތަކުން އަހުރެންގެ އާއިލީ މީހެކެވެ.
އަރުމާޒު މާލެ އައުން
އަރުމާޒުގައި ބައިވެރިވާ އުޅަނދުތައް ދެ ބަނޑޮސް ދޭތެރެއިން ދައްކާލީ 1943 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވީ ބުރާސްފަތި ދުވަހުއެވެ. އަދި މި އަރުމާޒު މާލޭފަޅަށް ވަނީ އެދުވަހުގެ ހަވީރުއެވެ. އެދުވަހު ދާހިލީ ވަޒީރު މުހައްމަދު އަމީން ދީދީ އޮންނެވީ އާލާސްކަންފުޅާއެވެ. ނަމަވެސް މުހައްމަދު އަމީނަށް އެހަބަރު ލިބިވަޑައިގެން އަވަހަށް ވަޑައިގަތީ ކަސްޓަމް ދޮށަށެވެ. އޭރު ދައުލަތުގެ ބައެއް އިސްވެރިން ކަސްޓަމް އިމާރާތުގެ މަތީގައި ތިއްބެވިއެވެ. އަދި އިތުރު ބޭފުޅުން ގެންނަވަމުން ގެންދެވިއެވެ. އެބޭފުޅުންނާ ސައްލާކޮށް މުހައްމަދު އަމީން ނިންމެވީ އަރަމާޒުގެ ބައިވެރިން މާލެ އެރިޔަނުދީ ގަލުފަޅަށް ފޮނުވާލުމަށެވެ. އަދި މަޝްވަރާކުރާނޭ ބަޔަކު ސަރުކާރާއެކު މަޝްވަރާކުރުމަށް ގެނއުމަށެވެ. މި މެސެޖު ސަރުކާރުގެ ފަރާތުން އަރުމާޒުގެ ބައިވެރިމންނަށް ދެއްވީ އިބުރާހީމް އަލި ދީދީ އާއި އިބުރާހީމް މުހައްމަދު ދީދީ އެވެ. ސަރުކާރުގެ މި މެސެޖު އަރުމާޒުގެ ބައިވެރިން ބޮލައިލާ ޖެހިއެވެ. އަރުމާޒުގެ މީހުންގެ ބޯހަރުކަމާހެދި ސަރުކާރުން ދެން އަމަލުކުރާނެ ގޮތްތަކަކާމެދު ސައްލާކޮށް ނިންމެވީ މާލޭގެ އަވަށްތަކުގެ ވެރިން ގެނައުމަށެވެ. މިގޮތުން، އަވަށްތަކުގެ ވެރީން ގެންނަވާ މުހައްމަދު އަމީން އެންގެވީ 'އެބޭފުޅެއްގެ އަވަށެއް ހިފެހެއްޓުނު ގޮތަކަށް ހިފެހެއްޓުމަށެވެ.'
މަޝްވަރާއަށް މާލެ ފޭބުން
ސަރުކާރާއެކު މަޝްވަރާކުރުމަށް ކުޅުދުއްފުށީ ބޮޑުކަލޭފާނާއެކު 50 މީހުން 4 ވަނަ ދުވަހުގެ އިރު އޮއްސުނުފަހުން މާލެ ފޭބިއެވެ. މި މީހުންގެ ތެރޭގައި ނ. އަތޮޅުން ވެލިދޫ މޫސާ ކަލޭފާއި މާޅެންދޫ މުދިން ކަލޭފާނު ހިމެނެއެވެ.
ރައްޔިތުންގެ ޑިމާންޑު
އަރުމާޒުގައި މާލެއައި ރައްޔިތުންގެ މައިގަނޑު އޮތީ 17 ޑިމާންޑެކެވެ އެއީ؛
އަރުމާޒުގެ ބައިވެރިން ސަރުކާރަށް ހުށަހެޅި ހުށަހެޅުން
އަރުމާޒުގެ ބައިވެރިން ސަރުކާރަށް މި ހުށަހެޅި ޑިމާންޑުތަކަށް ބަލާއިރު، މި ޑިމާންޑުތަކަކީ މިޒަމާނަށްވެސް ފެތޭ ބައެއް ޑިމާންޑުތަކެވެ. ކިރާ މަހަށް ވަގުތުން ވަގުތަށް ފައިސާ ނުލިބުގެ މައްސަލައާއި، ރަނގަޅު ސިއްހީ ހިދުމަތް ރަށްފުށުން ލިބެން ނެތުމާއި، ސަރުކާރު އެފިޝެންޓުނުމާއި، އަދުލު އިންސާފު ލަސްވުމާއި، އެކަށީގެންވާ ތައުލީމު އަތޮޅުތަކުން ލިބެން ނެތުމާއި، ގޭސްފުޅި ބައިފުޅިއަށް ބަދަލުވުމަކީ މިއަދުގެ ހަގީގަތްތަކެވެ. މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމަކީ ސަރުކާރުތަކުން ގެންގުޅޭ ނާތަހުޒީބު ކަމެކެވެ.
އަރުމާޒުގެ ބައިވެރިން މައިތިރި ކުރުން
މާރިޗު 4 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އަރުމާޒުން މާލެއައި މީހުން މައިތިރި ކުރުމުގެ ހުރިހާ ބާރެއް ދާހިލީ ވަޒީރު މުހައްމަދު އަމީން ދީދީ އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އެ ޖަލްސާއަށްފަހު މުހައްމަދު އަމީން ދީދީ ވަޑައިގަތީ ހަތަރު އަވަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ. އޭގެ ފަހުން މާލެ ބެލެހެއްޓުމަށް އަވަށްތަކުން މީހުން ކަނޑައަޅައި އެމީހުން ފޯރިއަށް ނެރުނެވެ.
ޖެހިގެން އައި މާރިޗު 5 ވީ ހުކުރު ދުވަހު އަރުމާޒުގައި މާލެއައި ބައެއް މީހުން މާލެއަށް ފޭބުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މާލޭގެ ބަނދަރު މައްޗަށް އެއްވެފައިވާ މީހުން އަރުމާޒުން އައިމީހުނަކަށް އެފުރުސަތެއް ނުދިނެވެ.
ހުކުރު ދުވަހު ހެނދުނު އަރުމާޒުގެ 50 މީހުންގެ ވަފުދާ ސަރުކާރުގެ ވެރިން ބައްދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުމުގައިވެސް ކުރިއެރުމެއް ނުލިބުނެވެ. ވަފުދުގެ އެންމެ ބޮޑު ޑިމާންޑު ކަމުގައިވާ ރަށްރަށު މީހުނަށް ދުވާލަކަށް ވިއްކާ ބައިލާހި ހަނޑޫ ލާއްސަކަށް ބަދަލުކުރުމަށް ސަރުކާރުން އެއްބަހެއް ނުވިއެވެ.
ހުކުރު ދުވަހުގެ މެންދުރު ވަގުތުގައި އަރުމާޒުން އައި މީހުންނަށް ބިރުދެއްކުމަށްޓަކައި އިނގިރޭސި ވިލާތުގެ މަނަވަރެއް މާލެމަތިން ދުއްވިއެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހުގައި އަނެއްކާ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމަށްފަހު އަމާންދީ އަރުމާޒުގެ ބައިވެރިން މާލެއިން ފުރަންފެށިއެވެ.
އުތުރު ގަޑުބަޑު ތަހުގީގުކުރުން
އަރުމާޒުގެ ބައިވެރިން ފުރައިގެންދިޔަތާ ދެ ދުވަސް ފަހުން އިނގިރޭސި ވިލާތުގެ، ކަނޑަށް ޖައްސާ ބޯޓެއްގައި މުހައްމަދު އަމީނު ދީދީ 7 މާރިޗު 1943 ގައި ހއ. ކެލާ، ހއ، ދިއްދޫ، ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތެވެ. އެނބުރި ވަޑައިގަތުމަށްފަހު އަރުމާޒުގައި އިސްކޮން ތިއްބެވި ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނާއި އެހެން މީހުން މާލެ ގެންނަވައި، ޝަރީއަތް ހިންގާ އަދަބު ދިނެވެ.
މި މީހުންގެ ތެރޭގައި އަހުރެންގެ ކާފަ، ވެލިދޫ މޫސާ ކަލޭފާނާއި މާޅެންދޫ މުދިންކަލޭފާނު ހިމެނެއެވެ. އަހުރެންގެ ބައްޕަ ވިދާޅުވެ ދެއްވި ގޮތުގައި ކާފަ މާލެގެނެސް ޖަލުގައި ބަންދުކޮށްފައި އިންނަވަނިކޮން ކާއެތިކޮޅު ހިފައިގެން އަންނަ ސަރުދާރު ކައިރީގައި ވެލިދޫ ދޮންކަތްދަ މޫސާ ޖަލުގައި ބަންދުކޮށްފައި އިން ވާހަކަ މުހައްމަދު އަމީން ދީދީގެ މަންމަ އަރިހުގައި ދެންނެވުމަށް ކާފަ އެދިލެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކާން ގެންނަ އެތިކޮޅު ރަނގަޅުވިއެވެ.
އަދަބު ދިނުން
ތަހުގީގު ހިންގާ، ޝަރީއަތް ކުރުމަށްފަހު، ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު، ކުޅުދުއްފުށީ ބޮޑުރުއްދަށުގޭ މޫސާ، މާޅެންދޫ މުދިންކަލޭފާނަށް ދެވުނީ 'ބުރިން ހަންނެގުމުގެ އަދަބު" އެވެ. އަދި ބުރީން ހަންނެގުމަށްފަހު ބޮޑު މުހައްމަދު ކަލޭފާނު އަރުވާލެއްވީ ފ.ހިމިތި އަށެވެ. މޫސައާ މާޅެންދޫ މުދިންކަލޭފާނުވެސް އަރުވާލެއްވީ ދެކުނުގެ އަތޮޅު ތަކަށެވެ.
އަހުރެންގެ ކާފަ، ވެލިދޫ މޫސާ ކަލޭފާނުގެ އަދަބަކަށްވީ 100 އެތިފަހަރުން ތައުޒީރުކޮށް ދުވަހަކުވެސް މާލެ ނާދެވޭ ގޮތަށް ރަށުބަންދަށް ފޮނުވާލުމެވެ.
ނަސީބު ކަންދިމާކުރިގޮތުން އަދަބު ލިބުނު މީހުންގެ ތެރޭގައި ވެލިދޫ އާދަމް ކަލޭފާނު ނުހިމެނެއެވެ.
ވެލިދޫ ދެކަލޭފާނާއި، އުތުރު އަރުމާޒުގެ ބައިވެރިން ބައިލާހި ހަނޑޫ އެއްލާއްސަށް ބަދަލުކުރުމަށް މިކުރި ދަތުރަކީ ގައުމީ ވަރުގަދަ ޖިހާދެކެވެ. އޭރުވެސް، މިހާރުވެސް އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައެވެ. އޭރު ބައިލާހި ހަނޑުލެވެ. މިހާރު ބައިފުޅި ގޭހެވެ. ޒަމާން ބަދަލުވިޔަސް ހާލަތު ބަދަލެއް ނުވެއެވެ. ރައީސް ނަޝީދު ވިދާޅުވިހެން މިއަދު ބައިލާހި ވެފައި އޮތީ ބައިފުޅިއަށެވެ.
ނޯޓު: 'ލާހި' އަކީ ދިޔާއެއްޗިއްސާއި ހިކި އެއްޗެހި މިނުމަށް ގެންގުޅޭ މިންގަޑެއް. ހިކި އެއްޗެހި މިނަން ބޭނުންކުރާ ލާހި ހުންނަނީ ލަމކުޑިންލިޔެ އެތެރެ ކޮނެ ބޭރުލާފެންކޮށްފައެވެ. މިއަށް އެޅެނީ ނާޅިއެއްގެ ހަތަރުބައިކުޅަ އެއްބައެއްއެވެ. ނުވަތަ ދެބައި ލާއްސެވެ. ދިޔާއެއްޗެހި މިނަށް ގެންގުޅޭ ލާއްސަށް ކިޔަނީ ބޮލިއްސަ (ބޮލިހި) އެވެ. މިއީ ކާށީގެ އުނބުން ހަދައިގެން ގެންގުޅޭ އެޗެކެވެ. މިއަށް އެޅޭނީ އަޑުބައެއްގެ ހަތަރުބައިކުޅަ އެއްބައެވެ. ނުވަތަ ދެބައި ލާއްސެވެ.




