އެމެރިކާއާ މެދުގައި ޑެންމާކާއި ގްރީންލޭންޑާ ދެމެދު ބޮޑު ނުތަނަސްކަމެއް - ފޮޓޯ: ދަ އެޖް
ޓްރަމްޕާ ދެކޮޅަށް ޑެންމާކާއި ގްރީންލޭންޑް ރައްޔިތުންގެ ސިލްސިލާ މުޒާހަރާތަކެއް
ގްރީންލޭންޑްގައި ކުރިއަށްދިޔަ މުޒާހަރާގައި އެގައުމުގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން ވެސް ބައިވެލެއްވި
ޖުނާން އަޙުމަދު 18 ޖެނުއަރީ 2026 (އާދީއްތަ)   13:56
ގްރީންލޭންޑަކީ އެމެރިކާގެ ދަށަށް ގެންނަންޖެހޭ ތަނެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވަމުން ގެންދާތީ، އެކަމާ ދެކޮޅަށް ޑެންމާކާއި ގްރީންލޭންޑްގައި ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއް މިއަދު ފަށައިފިއެވެ.

ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ އެމެރިކާ އެމްބަސީ ދޮށަށް 20،000 އަށްވުރެ ގިނަ މީހުން އެއްވެ، ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް، ޓްރަމްޕްގެ މަޝްހޫރު ޝިއާރު "މޭކް އެމެރިކާ ގްރޭޓް އެގެއިން" އަށް މަލާމާތްކޮށް، "މޭކް އެމެރިކާ ގޯ އެވޭ" ޖަހާފައިވާ ތޮފިތައް އަޅައިގެން ތިބެ މުޒާހަރާކުރިއަށް ގެންދިޔައެވެ.

ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަންގެ ބައިވެރިވުމާއެކު، އެ ގައުމުގެ ވެރިރަށް ނޫކްގައި ބޭއްވި މުޒާހަރާގައި، ބޮޑުވަޒީރު ވިދާޅުވީ ގްރީންލޭންޑަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ އެތަނުގެ ރައްޔިތުންގެ ފަހުރުވެރި ވަޒަން ކަމަށެވެ. އަދި މި މުޒާހަރާތަކުގައި އާންމުން ގޮވާލަމުންދިޔައީ ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށާ، އެ ރަށުގެ މުސްތަގުބަލު ނިންމުމުގެ ފުރިހަމަ އިހްތިޔާރު އެ ރަށުގެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ.

ނަމަވެސް ގްރީންލޭންޑަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުހަނު މުހިންމު ތަނެއް ކަމަށާ، އެތަން ހޯދުމަށްޓަކައި ބާރުގެ ބޭނުންކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު، މިކަމުގައި ނޭޓޯގެ މެންބަރު ދެ ގައުމު ކަމަށްވާ އެމެރިކާ އާއި ޑެންމާކުގެ ދެމެދުގައި ބޮޑު ހާރިޖީ ނުތަނަވަސްކަމެއް އުފެދިފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް