ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް އާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)
އެމްޕީ މައުރޫފް އާއި ކެންޑިޑޭޓް ޒާޔާގެ މައްޗަށް ދައުވާ އުފުލައިފި
ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުން އިތުރުވެ، އެމްޑީޕީގެ އެކްޓިވިސްޓް އަބްދުއްސަލާމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައި
މަރްޔަމް މުޙައްމަދު 28 ފެބްރުއަރީ 2026 (ހޮނިހިރު)   01:46
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ފެށި، ފޯރި ގަދަވަމުން އަންނަނިކޮށް، އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުންނަށް މި ސަރުކާރުން ބިރުދެއްކުމާ ފުރައްސާރަކުރުން އިތުރުކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށް، އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް އާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒަޔާ) އަދި އެމްޑީޕީގެ އެކްޓިވިސްޓް އަބްދުއްސަލާމްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ، އުފުލުމާ ގުޅިގެން މެންބަރު މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒު ދަންނަންޖެހޭ ހަގީގަތަކީ މިފަދަ ދައުވާތަކެއް އުފުލައިގެން ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަން ކަމަށެވެ.

އަދި މީގެ އިތުރުން، ކުރިއަށް އޮތް ރިފަރެންޑަމް ވޯޓުގައި ވެސް ރައްޔިތުން ތިބީ މި ސަރުކާރަށް "ނޫނެކޭ" ބުނަން ތައްޔާރަށް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފްގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވިދާޅުވެފައި ވަނީ، މިއީ އިދިކޮޅު ފަރާތްތައް ހަނުހިމޭން ކުރުވުމަށް މި އިންތިހާބާ ދިމާކޮށް، ސަރުކާރުން ގެންގުޅޭ ނުބައި އުކުޅެއްގެ ކަމަށާ، ނުފޫޒު ފޯރުވުމާއި ބިރުދެއްކުމަކީ މި ސަރުކާރުގެ ހަމައެކަނި އުސޫލުކަމަށެވެ.

ސަރުކާރުގެ އަމަލުތައް މިގޮތަށް ހުރުމުން، މި ސަރުކާރުން ގެންދަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ކަމަށް ބުނެ އާންމުންނާއި މި ސަރުކާރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން މީސްމީޑިއާގައި ވަރަށް ބޮޑަށް އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް