
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައުނާ ވިދާޅުވީ އިއްޔެ ހެނދުނު އޭސީސީއަށް ހާޒިރުކޮށްފައިވަނީ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށެވެ. އެއީ ކޮން ނިންމުމެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޝައުނާ ވިދާޅުވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ހައިސިއްޔަތުން ކުރެއްވި ހުރިހާ މަސައްކަތްތަކެއްވެސް ކުރައްވާފައިވާނީ ގާނޫނުއަސާސީ އާއި، ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
އެމްޑީޕީން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝައުނާ ވާހަކަ ދެއްކެވިއެވެ. ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝައުނާ ވިދާޅުވީ ސިޔާސީ އަވާގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެވެސް ދަށުގައި ކަމަށެވެ.
ޝައުނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭ މަންޒަރު މަޖިލީހުގެ ތެރެއިން ނުފެންނަ ކަމަށާ، އެ މެންބަރުން ގާނޫނުއަސާސީ ޚަރާބު ކުރާ މަންޒަރު ބަލަން ތިބެން ހެޔޮ ނުވާނެ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި، ޑަބްލިއުޑީސީ އަދި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓަށް ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ މިނިސްޓަރު ޝައުނާ އޭސީސީއަށް ހާޒިރުކުރިއިރު، މިއަދުގެ ސަރުކާރުގެ ވެރިންނާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައި ހުރިނަމަވެސް، އެއިން އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރެއެވެ. އެކަމުގެ ޝަކުވާ އާންމުން ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.




