
ސަރުކާރުން، މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުމްލަ 206 މަޝްރޫއެއް، 53 ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އިއުލާން ކުރުމެއް ބިޑުކުރުމެއް ނެތިއެވެ. 123 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްތަކުގެ އަގު 2.7 ބިލިޔަން ރުފިޔާއަށް އަރައެވެ. މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ ގެރެންޓީއަށް ބީއެމްއެލްއިން އެ ކުންފުނިތަކަށް ލޯނު ދޫކޮށްގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން މިމަހުގެ 8 ވަނަ ދުވަހުގެރޭ ނިންމި ނިންމުމުގެ މަތިން މިއަދު އެ މައްސަލަ އޭސީސީއަށް ހުށަހެޅީ، ކުންފުނިތަކުން އެ މަޝްރޫއު ކުރިއަށް ގެންދިޔަ ނުދީ، ކޯޓު މެދުވެރިކޮށް ހިފަހައްޓައިދިނުމަށް އެދިއެވެ.
މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ފަހު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ "ސަރުކާރުން ބިޑުކުރުމަކާ ނުލައި ބޮޑު އަގުގައި ޕްރޮޖެކްޓްތަކެއް ބަހާލި މައްސަލަ، އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަވަހަށް އެޅުމަށް" އެދިފައި ވާނެކަމަށެވެ.
އެ މަޝްރޫއުތައް އަވަސް އަރުވާލައިގެން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާ، އެޑްވާންސް ފައިސާ ދިނުން ހުއްޓުވުމުގެ ފިޔަވަޅެއްވެސް އަޅައިދިނުމަށް އެދިފައިވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދުނީ މި މަޝްރޫއުތަކުގެ އެއްވެސް މުއާމަލާތެއް ހިނގިޔަ ނުދީ ހުއްޓުވުމަށް. އަދި އެއްވެސް ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ ކުރިން ހުއްޓުވުމަށް. ފައިސާ ދީފިނަމަ، ދެން އެ އަނބުރާ ހޯދުން ވާނީ އުނދަގޫކަމަކަށް،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މި ފަދަ މައްސަލަތައް ތަހުގީގުކޮށް، ހުއްޓުވުމަށް ކޯޓަށް ހުށަހެޅެނީ ތަހުގީގީ އިދާރާތަކަށް ކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅީ ވެސް އެ މަގުސަދުގައި ކަމަށެވެ.
"އަޅުގަނޑުމެން ހީކުރީ އޭސީސީ ކަހަލަ ތަންފީޒީ އިދާރާތަކުން އަމިއްލައަށް މި މައްސަލަތައް ބަލާނެ ކަމަށް. އެކަމަކު އެއްވެސް އިދާރާއަކުން މައްސަލަ ބަލަން ނޫޅޭތީ އެމްޑީޕީން މި ހުށަހެޅީ،" މައުރޫފް ވިދާޅުވި އެވެ.
ސަރުކާރުން މަޝްރޫއުތައް ބަހާލުމުގައި ކަންކުރި ގޮތާ ގުޅޭގޮތުން ގިނަބަޔަކު ދަނީ އެކި ޕްލެޓްފޯމްތަކުގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. ބިޑަށް ނުލައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީގެން މަޝްރޫއުތައް ބަހާލުމުގެ އިތުރުން މަޝްރޫއުތަކުގެ އަގު އިންތިހާއަށް ބޮޑުވުމާއި، އެއްކަހަލަ ދެ މަސައްކަތް ދެ ރަށެއްގައި ކުރުމަށް ކަނޑައަޅާފައިހުންނަ އަގުގެ ފަރަގު ބޮޑުކަން ގިނަބަޔަކު ފާހަގަކުރެއެވެ.




