
އެމްޑީޕީން ބުނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާ ކަމަށެވެ.
އެގޮތުން މުސާރަ ބޮޑުކޮށް، ޕްރޮމޯޝަންތައް ދިނުމާއި، ވަޒީފާތައް ބެހުމުގެ އިތުރުން ހައުސިން މަޝްރޫއުތަކުގެ ކުލި ކުޑަ ކުރަމުންދަނީ ސީދާ އިންތިޚާބާ ގުޅިގެން ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބަހަމުންދާއިރު، އޭސީސީ ކޯމާއެއްގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.
އޭސީސީއަށް އެއްވި އެމްޑީޕީގެ މެންބަރުން ޝާމިލުގެ އިސްތިއުފާއަށް ގޮވުމުގެ އިތުރުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓުވަން ވެސް ގޮވާލާފަ އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައެޅި ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ ރާއްޖޭގައި ޑިމޮކްރަސީ އޮތުމުން އެކަމާ އުނދަގޫވެ، ގާނޫނުއަސާސީގެ ވަކިވަކި މާއްދާތައް ބަދަލުކުރަމުންދާ މަންޒަރު ކަމަށެވެ.
"އެހެންނަމަވެސް ކުއްލިއަކަށް ރައީސް މުއިއްޒުގެ ފަރާތުން މިފެންނަ އަމަލަކީ ތިމަންނައަށް ވަރަށް އުނދަގުލޭ ޑިމޮކްރަސީ ރާއްޖޭގައި އޮތީމަ. ތިމަންނައަށް ވަރަށް އުނދަގުލޭ ގާނޫނުއަސާސީގައި މި މައްދާ، އެ މާއްދާ މިގޮތަށް އޮތީމަ. މިއީކީ ވެރިކަމަށް އަންނަ މީހާއަށް އުނދަގޫވެ ފަސޭހަކޮށް ފަރުމާކޮށްފައި އޮތް އެއްޗެއް ނޫން،" ނިޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންތިހާބާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން، މި ސަރުކާރުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ އެމްޑީޕީންނާއި އަމިއްލަ ފަރުދުންވެސް އޭސީސީއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލައި ގޮތެއް ނިންމާފައެއް ނުވެއެވެ.




