
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ގޮތުން އޮތީ މައިގަނޑު ދެ ފިކުރު ކަމަށެވެ. އެ ދެ ފިކުރުން އެކި ފަހަރު މަތިން ވެރިކަން ކުރިއިރު ރައްޔިތުންނަށް ވަރަށް ބޮޑެތި ތަފާތުތަކެއް ފާހަގަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުކޮށްދީ މިފަދަ ރައްޔިތުންނަށް ބޭނުންހިފޭ ކަންކަން ކޮށްދޭ" ބިގޭ ވިދާޅުވިއެވެ.
"އެހެންނަމަވެސް އަނެއް ފިކުރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނުނީ ބާރުތައް އެއްކުރާތަން. ރައްޔިތުން ބިކަ ކުރާތަން. ރައްޔިތުން ނިކަމެތިވެގެންދާ ތަން. މިއީ އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންޖެހޭ ކަމަކީ."
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
ބިގޭ ވިދާޅުވީ މިވެރިކަމުގައި "ރާއްޖެ ދުވަހެއް ދުވަހަކަށް މިދަނީ އަޑިއަށް" ކަމަށާ، ރާއްޖެ މިހާލަތުން ސަލާމަތް ކުރުމަށްޓަކާ ޒުވާނުން ނުކުންނަންޖެހޭ ކަމަށެވެ.
"ޒުވާނުންނަށް ތިބޭފުޅުންގެ ގައުމޭ މީ، ތިބޭފުޅުންގެ މުސްތަގުބަލަށްޓަކާ، ތިބޭފުޅުންގެ ދަރީންގެ އަންނަން އޮތް މުސްތަގުބަލަށްޓަކާ، މި ރާއްޖެ ސަލާމަތް ކޮށްދިނުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހިވަޑައިގަންނަވާ ފަރާތްތަކަކީ މިއަދު ޒުވާނުންނޭ." ސިޔާސީ އިސްލާހީ ގިނަ ބަދަލުތައް ގެނައުމުގައި އެތައް ގުރުބާނީއެއްވި ބިގޭ ވިދާޅުވި އެވެ.
ބިގޭ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި ތަސައްރަފު ފުދިފައި އޮތް ސިޔާސީ މުއައްސަސާއެއް ކަމަށާ، ޕާޓީ ދޫކޮށް މީހުން ގޮސް އައިސް ވިޔަސް، އެ ޕާޓީއަކީ އޭގެ ޒާތުގައި ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.
ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީގެ އެކި މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވާހަކަ ދެއްކެވި އެވެ.




