
ޕީޖީ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސ.ހިތަދޫ، ކޮންމުލި، އަލީ ނަދީމް އާއި، އިތުރު ބަޔަކު ބައިވެރިގެން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު މުއްދަތު 2 މާރިޗު ވީ ހޯމަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ.
މި މައްސަލައިގައި އަލީ ނަދީމް ހިމެނޭހެން 7 މީހެއްގެ މައްޗަށް 2 ކުށެއްގެ ތުހުމަތު ވަނީ ކޮށްފައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް:
.
ޕީޖީ އޮފީހުން ބުނީ މިމައްސަލައިގެ ތަޙުޤީޤު މުއްދަތު ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، މައްސަލަ ތަޙުޤީޤުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެއްކާއި ޤަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާ ކަމަށެވެ. އަދި ތަޙުޤީޤު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހޯދިފައި ނުވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަޙުޤީޤުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ނުލިބޭނަމަ ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. އެހެންކަމުން، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލައިގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން މައްސަލަ އަނބުރާ ފޮނުވާލި ނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށެވެ.
އޮޕަރޭޝަން އަލިމަގު ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ދަށުން އައްޑޫން 2025 ޑިސެންބަރ މަހު ހައްޔަރުކުރި މި މީހުންގެ މައްޗަށް ފުލުހުން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގަމުންދާކަމަށް ތުހުމަތުކުރިއެވެ. ފުލުހުން އޭރު ބުނީ ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.




