
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓާނެ ކަމަށާއި، ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމުގެ ކަށަވަރުކަން އޭނާ ވަނީ ދެއްވާފައެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމަށް މި ހަނގުރާމައިގެ ސަބަބުން އަސަރުތަކެއް ކުރި ނަމަވެސް، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމަކީ އެކި ހާދިސާތަކާ ގުޅިގެން އަވަހަށް ހީނަރުކަން އަންނަ ސިނާއަތެއް ނަމަވެސް، ރާއްޖެއަކީ މީގެ ކުރިން ކުރިމަތިވި ސުނާމީ ފަދަ ބޮޑެތި ކާރިސާތަކުން އަރައިގަތުމުގައި ނަމޫނާ ދައްކާފައިވާ "ރެޒީލިއެންޓް" ނުވަތަ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އިގްތިސާދީ ކުރިއެރުމަށް ހުރި ހުރަސްތައް ގިނަ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން އަލުން ދިރުވުމުގެ ހަކަތަ ދިވެހި އިގްތިސާދުގައި ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ ގެންނަން އިތުރު ރޫޓުތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ފްލޯޓިން އާބާދީއަކާއި ރާއްޖޭގެ އާބާދީ އާއި އަންނަ ފަތުރުވެރިންގެ އަދަދު އެއްކޮށްލީމާ ކުރީގެ ހާލަތްތަކަށް ބަލާއިރު ކޮންސިއުމް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައި. އެހެންވެ މި ހަގީގަތްތަކަށް ވެސް ބަލައިގެން މުސްތަގުބަލަށް ކަންތައްތަކެއް އެބަ ރޭވޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އުފެދެމުން ދާއިރުވެސް ދުރާލާ އެކަންކަމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާކަމަށާއި ތެލުގެ ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. މީގެ އިތުރުން މަތިންދާ ބޯޓުތަކަށް އަޅާ ތެލުގައިވެސް މައްސަލައެއް ނެތްކަމަށާއި މިހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އެސްޓީއޯއާއި އެ މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާ ދޭން ފެށުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އިރާނުން ވަނީ އަވައްޓެރި އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތައް ސައުދީ އަރަބިއްޔާ، އޮމާން، ކުވެއިތު، އުރުދުން އަދި ޔޫއޭއީ ފަދަ ގައުމުތަކަށް ވަނީ ފޯރާފައެވެ. މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާތެރިކަން ކުރިމަތިވެ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދުނިޔެއަށް ކުރިމަތިވާ އެކި ހާލަތްތަކާއެކު އަންނަ ލޮޅުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވީހާވެސް ލުއިވާނެހެން ކަންކަން އިންތިޒާމް ކުރުމަށްކަމަށެވެ.




