
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެދާނެތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ވިދާޅުވީ، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިނުވާ ކަމަށާ، އެހެންކަމުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައި ނަމަވެސް، ގޭބިސީތަކަށް ދެމުން އަންނަ ކަރަންޓުގެ ޓެރިފް ރޭޓަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ވެސް ނުވާ ކަމަށެވެ.
މިފަދައިން ވިދާޅުވީ އެކަމާ ގުޅޭ މިނިސްޓަރު އެންވަޔަރަމެންޓްގެ ތޯރިގު އިބްރާހީމް އެވެ. ތޯރިގުގެ ވާހަކައިގައި ގޭބިސީތަކަށް ކަރަންޓު ދެނީ ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދީގެންކަން ފާހަގަކޮށްފައި ވާއިރު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، ގޭހުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއާއެކު މަސައްކަތް ކުރަމުންދާ ކަމަށާ، ގޭހުގެ އައު ޝިޕްމަންޓެއް މިރޭ ލިބޭނެކަމަށެވެ.
އަދި އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށާ، އެގޮތުން ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.
އެހެންކަމުން އެ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވެ މިނިސްޓަރ ސައީދު ވިދާޅުވީ، ވަކިން ހާއްސަކޮށް 164 ބާވަތެއްގެ މުދާ ރާއްޖެއަށް އެތެރެކުރުމާއި އޭގެ ސަޕްލައި ކަށަވަރުކުރުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކާއެކު ގިނަ މުއާމަލާތްތަކެއް ކުރެވެމުން ވެސް އަންނަ ކަމަށެވެ.




