
ފިނޭންސުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި އެ މުއްދަތުގައި ލޯނު ހަރަދާއި އިންވެސްޓުމަންޓުތައް ހިމެނޭހެން 6.9 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ސަރުކާރުން އަހަރު މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރީ ދައުލަތް ހިންގުމުގެ ހަރަދުތަކަށެވެ. އެއީ 2.8 ބިލިޔަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ މުސާރައާއި އިނާޔަތް ދިނުމަށެވެ. އެކަމަށް 2.6 ބިލިޔަން ރުފިޔާ ހަރަދުކުރިއިރު، ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ 5.4 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރެވެ. މި އިތުރުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައިސްފައިވާ ދޮޅު ބިލިއަން ރުފިޔާގެ އިތުރުވުމެވެ. ޓެކްސްތަކުން 6.4 ބިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ރެކޯޑު މުގުރަމުން އައި ޓޫރިޒަމާ އެކީ ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 312 މިލިޔަން ރުފިޔާ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިންނެވެ.
އާމްދަނީއަށް ވުރެ ހަރަދު މަދުވުމާއެކީ، ފުރަތަމަ އަށް ހަފުތާ ނިންމާލީ އޯވަރޯލް ބެލެންސް، އެއީ ފައިނޭންސިން އަދި އިންޓްރެސްޓު ހަރަދު ނުހިމަނައި، 1.8 ބިލިޔަން ރުފިޔާ ސާޕްލަސްގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕްރައިމަރީ ސާޕްލަސް ހުރީ އެއް ބިލިޔަން ރުފިޔާގައެވެ.
މި އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ލޯނުތައް ދައްކަން ބަޖެޓުކޮށްފައިވާ 12.9 ބިލިޔަން ރުފިޔާ ވެސް ހިމެނެ އެވެ. މި އަހަރުގެ ބަޖެޓުން، ސަރުކާރުގެ ހިންގުމާއި މުސާރަތަކާއި އުޖޫރަތައް ދިނުމުގެ ހަރަދުތައް ނަގާފައި އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަނީ ލޯނުތައް ދައްކާށެވެ.
ލޯނުގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ ފައިސާގެ ތެރޭގައި އަންނަ މަހު ދައްކަން ޖެހޭ ސުކޫކުގެ 500 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.




