ނިސްރައީސް މުއިއްޒު ފިނޭންސް މިޓަރު މޫސާ ޒަމީރު އާ ސަލާން ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ސުކޫކަށް ދައްކަން ޖެހުނު 524 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި
ޖުނާން އަޙުމަދު 2 އޭޕްރީލް 2026 (ބުރާސްފަތި)   23:37
ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު ދިވެހިފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ސަރުކާރުން މިއަދު ދައްކައިފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސުކޫކް ދައްކަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުދަ ދުވަސް ކަމަށްވީ ނަމަވެސް ރައީސް މުއިއްޒު މިދިޔަ މާރިޗު މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވެފައި ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށާއި މިވަގުތު ވެސް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

މއަދު ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރު ކަމަށާ، މި ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށެވެ.

އަދި އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކުރީ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކު ނަގާފައިވަނީ އޭގެ ކުރީގެ ރައީސް ޔާމީން ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކަ އެވެ. މި ސުކޫކު ދެއްކުމަށް ފަހު، މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް