ހުޅުމާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: އެމްޕީއެލް
އިމްޕޯޓު ޑިއުޓީން މިއަހަރަށް އަންދާޒާކުރި އަދަދުގެ ދެބައިކުޅައެއްބައި ވެސް އަދި ނުލިބޭ
ޖުނާން އަޙުމަދު 24 އޮކްޓޯބަރ 2025 (ހުކުރު)   17:50
މިއަހަރުގެ ބަޖެޓު ހެދިއިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް އަދި ނުލިބޭކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިއަހަރު ނިމެން މިހާރު ދެ މަސް ދުވަހަށް ވެފައި ވާއިރު، އެ އަދަދުގެ ދެބައިކުޅައެއްބައި ނުލިބުނު ނަމަވެސް، ސަރުކާރުން ހިސާބު ޖެހީ މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ނަމަވެސް މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާ ކަމަށް، ފިނޭންސް މިނިސްޓްރީން ހާމަކުރި، ހިނގި ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގެން އެބައޮތެވެ.

ލިބިފައިވަނީ، އަންދާޒާކުރި އަދަދުގެ 47 އިންސައްތަ ކަމަށް ވާއިރު، މިދިޔަ އަހަރުގެ ނަންބަރުތަކާ އަޅާބަލާނަމަ، އެއީ 238 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެންކަމުން، އަހަރު ނިމެން ދެ މަހަށްވީއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާގެ 50 އިންސައްތައަށް ވެސް މިވަނީ ނާރާފައެވެ.

އިމްޕޯޓު ޑިއުޓީ ދަށްވެފައިވާ ވުން ފާހަގަވާއިރު، ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހިނގާކަމުގެ ކަންބޮޑުވުން ވެސް އާންމުރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ފާޅުކުރާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މިހާތަނަށް މަޝްރޫއުތަކަށް ހަރަދުކުރީ ހަތަރު ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާއިރު،  އެއީ މިދިޔަ އަހަރަށްވުރެ ވެސް 5.6 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. އަދި އެއީ ބަޖެޓުކުރި އަދަދުގެ 32 އިންސައްތައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ވަނީ އިމްޕޯޓު ޑިއުޓީ އެހާ ބޮޑަށް ދަށްވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު ކަމަށް ވިދާޅުވެފައި ކަމަށް ވާއިރު، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް އުފުލުމާ އެކު ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

އަދި ގަވާއިދާ ހިލާފަށް ވަގަށް ސިނގިރޭޓު އެތެރެކުރާ މިންވަރު އިތުރުވެ، ރާއްޖޭގެ ބާޒާރުގައި ވަގު ސިނގިރޭޓު ފުޅާ ދާއިރާއެއްގައި ވިއްކަމުން އާދެއެވެ.

މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އެހާ ދަށްކޮށް ހުރީ ކީއްވެތޯ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރެން ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން އެ ކަމަށް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އެއީ ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް