
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލައަކީ 64.2 ބިލިޔަން ރުފިޔާ ކަމަށެވެ. މިއީ ތާރީހުގައި ވެސް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓު މިހާ ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ތެރޭގައި ލޯނު ދައްކަން ކުރަން ޖެހޭ ހަރަދު ރެކޯޑު އަދަދަކަށް ބޮޑުވުމެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ "މި ސަރުކާރަށް ވާރުތަވި" ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިޔަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށެވެ. އެގޮތުން އެއީ ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށް ކަމަށާއި، މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"ތިޔަ އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ހުށަހަޅާ ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް. އެއީ ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށް،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވި އެވެ.
ބަޖެޓު 2026 ގެ މުހިންމު އަދަދުތައް:
އަންނަ އަހަރުގެ ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ.
އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރުގެ ބަޖެޓު އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހެއެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ވެސް، ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރި އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވަނީ، 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރަށް ލަފާކުރި ބަޖެޓްގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެހެންނަމަވެސް އަންދާޒާ ކުރި މިންވަރާ ގާތަށްވެސް ހިލޭއެހީ ލިބިފައެއް ނުވެއެވެ.




