
ފުލުހުން ބުނީ، ރޯދަމަހު އުމްރާއަށް މީހުން ގެންދިޔުމަށްޓަކައި ގުރޫޕަކުން ފައިސާ ނެގުމަށް ފަހު ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ މިއަދު ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށާ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން ހަމަޖެއްސި މި އުމްރާ ދަތުރުގައި 110 މީހުން ފުރަން އޮތް އިރު، އޭގެތެރެއިން ކޮންމެ މީހެއްގެ އަތުން ވަނީ 45،000 ރުފިޔާ ނަގާފައެވެ.
މައުލޫމާތު ލިބޭގޮތުގައި، އެމީހުން އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ ރޭގެ ވަގުތެއްގައި ނަމަވެސް، ފުރުން ކެންސަލްކުރީ އެންމެ ފަހުވަގުތު ކަމަށް އެ ދަތުރުގައި އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ބުނެ އެވެ.
މި ދަތުރު ކެންސަލް ކުރަން ޖެހުނީ މިހާރު މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން ކަމަށް އެ ގްރޫޕުން ބުނެފައިވީ ނަމަވެސް، މި މައްސަލަ މިހާރު އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަންގެ ސަމާލުކަމަށް ވެސް އައިސްފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެކަން ހިނގި ގޮތް އެ މިނިސްޓްރީން މިހާރު ބަލަމުންއަންނަ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ (މެނޭޖިންގ ޑިރެކްޓަރ) މުހައްމަދު ޝަކީލް މިކަމާގުޅިގެން މިއަދު އެކްސްގައި ވިދާޅުވެފައި ވަނީ، މި އަހަރުގެ ބަރަކާތްތެރި رَمَضَان މަހު އުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ އުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، އޭގެ ތެރެއިން ގިނަ ބައެއްގެ އެދިލެއްވުމުގެމަތިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޖާގަ އޮތް މިންވަރުން އިއްޔެ ހަވީރުގެ ވަގުތެއްގައި އޭގެތެރެއިން 28 މީހުންނަށް ވިސާ ޖަހައި މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަން، އަދި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް، އެ ކޯޕަރޭޝަނުން ހަމަޖައްސައި މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން އެ މީހުން ސައުދީޢަރަބިއްޔާއަށް ފުރުވާލާފައިވާ ކަމަށެވެ.




