ދިވެހި އުމްރާވެރިން (ކ) އުމްރާވެރިންނަށް އޮޅުވާލާ މަކަރުހެދި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް
ބައެއްގެ އަތުން ފައިސާނަގާ އޮޅުވާލި އަލްއަބްރާރު އުމްރާ ގްރޫޕްގެ ހުއްދަ ހިފަހައްޓައިފި
އުމްރާވެރިންނަށް ލަނޑުދީގެން ޖަލުގައި ބަންދުކުރި ފާރިޝް ގޭބަންދަށް ބަދަލުކޮށްފި
ޖުނާން އަޙުމަދު 5 މާރޗް 2026 (ބުރާސްފަތި)   17:19
ސަތޭކައަށްވުރެ ގިނަ މީހުންގެ އަތުން ފައިސާނެގުމަށްފަހު، އުމްރާ ދަތުރު ކެންސަލް ކުރި މައްސަލައިގައި އަލް-އަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނީގެ ލައިސަންސް ހިފަހައްޓައިފި އެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އުމުރާ އަށް މީހުން ގެންދިއުމަށް އަލް-އަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި މައްސަލަ ބަލަމުން އަންނަ ކަމަށާ، އެކަމާ ގުޅޭގޮތުން އިތުރަށް ސާފު ކުރަން ޖެހޭ މައުލޫމާތުތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ކުންފުންޏާ ދެކޮޅަށް، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އުމްރާ އަށް ދިއުމަށްޓަކައި، އަލް-އަބްރާރު ކުންފުންޏަށް ފައިސާ ދެއްކި 110 މީހެއްގެ ފުރުން އެންމެ ފަހު ވަގުތު ކެންސަލްކުރުމާ ގުޅިގެން އެ މީހުން އުމްރާ ގެންދަން އެހީވަމުންދަނީ އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަމަށްވާއިރު، މި މައްސަލައެއް ފުލުހުން ބަލަންފަށާފައި ވަނީ އިއްޔެއެވެ.

އިއްޔެ ފުލުހުން ބުނީ، ރޯދަމަހު އުމްރާއަށް މީހުން ގެންދިޔުމަށްޓަކައި ގުރޫޕަކުން ފައިސާ ނެގުމަށް ފަހު ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށާ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

އަލް-އަބްރާރު ގްރޫޕުން ހަމަޖެއްސި މި އުމްރާ ދަތުރުގައި 110 މީހުން ފުރަން އޮތް އިރު، އޭގެތެރެއިން ކޮންމެ މީހެއްގެ އަތުން ވަނީ 45،000 ރުފިޔާ ނަގާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު، އުމްރާއަށް ގެންދިޔަ އުމްރާވެރިންތަކެއްގެ ޓިކެޓު ކެންސަލްވެ، އެމީހުން ސައޫދީގައި ތާށިވި މައްސަލައިގައި ޖަލުގައި ބަންދުކޮށްފައި ހުރި، މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ޖަލު ބަންދުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

މި މައްސަލާގައި ފާރިޝްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، މިދިޔަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހުއެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އި މިވަނީ ޖަލުގައި ބަންދުކުރިތާ 11 މަހެއްހާ ދުވަސް ފަހުން ކަމަށްވާއިރު ކަރެކްޝަންއިން މީޑިއާގައި ބުނެފައި ވަނީ، އޭނާގެ އަދަބު ގޭ ބަންދަށް ލުއިކޮށްދިނީ އޭނާގެ ބަލި ހާާލަތު ހުރި ގޮތުން ކަމަށެވެ. ގޭ ބަންދަށް ފާރިޝް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ކަރެކްޝަނަކުން ހާމައެއް ނުކުރެއެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކުރި ނަމަވެސް، މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ޝަރީއަތަށް ލިބިފައިހުރި ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ދައުވާއެއް ކަމަށެވެ.

އެހެންކަމުން، އެ ކުށުގެ އަދަބެއްގެ ގޮތުން 3 އަހަރާއި 2 މަސް ދުވަހަށް ޖަލަށް ލުމާއެކު، އޭނާގެ ފަރާތުން ގެއްލުން ލިބުނު، އޭސް އޭވިއޭޝަނާއި އޭސް ޓެރްވަލްސްއަށް އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 އެމެރިކާ ޑޮލަރު ނުވަތަ 406،321 ރުފިޔާ އެ ކުންފުންޏަށް ދެ އަހަރުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ކޯޓުން ފާރިޝް އަށް އަމުރުކުރިއެވެ.

ކޮމެންޓް