މޯލްޑިވިއަންގެ ފްލައިޓެއްގައި އުމްރާއަށް ފުރަނީ.-- ފޮޓޯ: ޙައްޖު ކޯޕަރޭޝަން
އުމްރާވެރިން ދަތުރުފަތުރުގައި ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެ
މަރްޔަމް މުޙައްމަދު 1 މާރޗް 2026 (އާދީއްތަ)   16:23
ރާއްޖެއިން އުމްރާއަށްދާ އުމްރާވެރިން، އެމީހުންގ ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

މިކަމަށް ގޮވާލާ، އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ފަރާތްތަކުންނާއި، ދަތުރު ކުރުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރުތައް ކަމަށްވާ +966506894477 އަދި +966530838329 އަށް ގުޅުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން އެ މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށް ބުނެ އެ ނޫސްބަޔާނުގައި ވަނީ، އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް އުމްރާއަށްދާ މީހުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ރަމަޟާން މަހު 20 އުމްރާ ކުންފުންޏެއްގެ ހަވާލުގައި 1,624 މީހުން އުމްރާއަށް ދިޔުމަށް ހަމަޖެހިފައި ވާއިރު، އޭގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 530 މީހުން އުމްރާއަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް