ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ރައީސް އޮފީސް
ދޮޅު މަހެއްހާ ދުވަހުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 72.2 މިލިޔަނަށް
ހަސަން އިބްރާހީމް 5 މާރޗް 2026 (ބުރާސްފަތި)   14:40
މި އަހަރުގެ ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ އަތުލައިގަތް މަސްތުވާތަކެތީގެ އަގު، 72.2 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އެ މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ދިވެހިރާއްޖެއަށް ޑްރަގު އެތެރެކުރާ މިންވަރު ކުޑަ ކުރުމަށް ކުރާ މަސައްކަތް ކަމަށެވެ.

"މިގޮތުން، ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން ހިންގުނު ތަފާތު އޮޕަރޭޝަންތަކުގެ ނަތީޖާއެއް ގޮތުން 83،450 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި. މިއީ ގާތްގަނޑަކަށް މަގުމަތީގެ އަގުން ނަމަ 72.2 މިލިޔަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި،" މިނިސްޓަރު ވިދާޅުވިއެވެ.

އެތަކެތި އަތުލައިގެންފައިވަނީ، އެއްގަމުގެ މަގުންނާއި ވައިގެ މަގުން އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަނިކޮށް ކަން ފާހަގަ ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެ ތަކެތި އަތުލައިގެންފައިވަނީ ފުލުހުންނާއި ކަސްޓަމްސްގެ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.

"ވަކިން ހާއްސަކޮށް ކަސްޓަމްސްއިން ބޯޑާ ސެކިއުރިޓީ އިންޓެލް ބެލެހެއްޓުމަށް މިހާރު ގެންގުޅޭ ތަފާތު އެކިއެކި ހުނަރުތައް ބޭނުންކޮށްގެން. އަދި އިންޓެލިޖެންސްގެ އަލީގައި ލިބޭ މުހިންމު މައުލޫމާތުތައް އޮޕަރޭޝަނަލައިޒް ކޮށްގެން ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާ. އެއާއެކު ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޔާއި ދުވާލު 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓް