ހުސައިން ޔޫސުފް.--
ޓިކްޓޮކްގައި އިސްލާމްދީނަށް ތައުހީނު ކުރަމުންދާ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި
މަރްޔަމް މުޙައްމަދު 6 މާރޗް 2026 (ހުކުރު)   11:16
ޓިކްޓޮކްގައި އިސްލާމްދީނަށް ތައުހީނުކޮށް، ފުރައްސާރަކޮށް، ދީނީ ގޮތުން ޚިލާފު އުފެދޭ ވާހަކަ ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ނ.ކުޑަފަރީ މީހަކު ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަމުންދަނީ ނ.ކުޑަފަރި، ހިޔަލީގެ، އުމުރުން 44 އަހަރުގެ ހުސައިން ޔޫސުފެވެ. އޭނާ ހޯދަމުންދަނީ ޓިކްޓޮކް މެދުވެރިކޮށް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ދޮގު މައުލޫމާތު ފަތުރައި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ފުލުހުން ބުނެފައިވަނީ 2026 މާޗް 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރު ވުމަށެވެ. އެއީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.

އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައިނުވާތީ، ފުލުހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ. އޭނާ ގެންދަނީ އިސްލާމްދީނަށް ތައުހީނުކޮށް، އޭނާއަށް ވަޙީ ބާވައިލައްވާކަމަށް ބުނެ ޓިކްޓޮކްގައި ވީޑިއޯތައް އާންމުކުރަމުންނެވެ. 

މި ވީޑިއޯތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާއިރު، މިކަމާ ގުޅިގެން ގިނަ ބައެއްގެ ނަފުރަތާއި ރުޅިވެރިކަން އޭނާއަށް އަމާޒުވެ، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް