
މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދު ބަންދުކުރާއިރު، އެތަނުގައި މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ.
އެހެންކަމުން އެ މަސައްކަތް ނިމެންދެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޓްރެފިކް ފުލުހުން ބަދަލު ގެނެސް އެކަން ހާމަކޮށް ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އެ މަގު މިރެއިން ފެށިގެން ބަންދުވާނެއެވެ.
އެ ބަދަލުގެ ސަބަބުން ދެން ދަތުރުކުރެވޭނީ، ފެރީ ޓާމިނަލާވީ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން މެހެލިގޯޅިއަށް ލަނބާލައި، އަމީރު އަހްމަދު މަގުން އިރުމައްޗަށެވެ.
އަމީރު އަހްމަދު މަގުގައި މަޖީދިއްޔާ ސްކޫލު އޮންނަ ސަރަހައްދުން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދުގައި މިހާރު ޓްރެފިކް ފްލޯއަށް މިއައި ބަދަލާއެކު އެ ސަރަހައްދުގައި ދެން ދަތުރުކުރެވޭނީ އިރުމައްޗަށެވެ. އަދި ސޯސަން މަގަށް ލަނބާލައި، މެދުޒިޔާރަތްމަގާ ހަމައަށް އޮންނަ ސަރަހައްދުގައި ދެކުނަށް ދަތުރުކުރެވޭގޮތަށް މި ބަދަލުގައި ވެއެވެ.
މަގު ހެދުމުގެ މަސައްކަތްކުރާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އާންމުންގެ ކިބައިން ފުލުހުން އެދިފައިވާއިރު،
މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް އެ ސަރަހައްދުގައި ގާއިމުކުރާގޮތަށް، ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.




