
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށް ވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަކުރުގެ ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ސިއްހީ ދާއިރާ އިން އިންތިޒާރުކުރާ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންސީގެ 'ގްރޭޓާ އައްޑޫ' ޖަލްސާގައި ރައީސް ވިދާޅުވީ، މިނިސްޓަރު އެ ވާހަކަ ވިދާޅުވި ގޮތުން ނުތަނަވަސްކަމެއް އާންމުންގެ މެދުގައި އެބައޮތް ކަމަށެވެ.
އެހެންވެ، އެކަން ސާފުކޮށްދޭން ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުރު ކަންކަން "ބޭން" ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެކަމަކު، އެފަދަ ކަންކަމުން ދުރުވުމަށް ހޭލުންތެރިކަން އިތުރުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގުޑުގުޑާ ބުއިމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ވަރަށް ބޮޑު އާދައަކަށް ވެފައި އޮތް ކަމެއް ކަމަށާ، އެހާ ބޮޑަށް އާދަވެފައި ހުންނަ ކަންކަން މަނާކޮށްގެން އެ ކަންކަމުން ދުރެއްނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، އެ ކަންކަމަށް ހޭލުންތެރިކޮށްދީ، އެ ކަންކަމުން ދުރުވުމަށް ނިޒާމީ ގޮތެއްގައި ހިތްވަރުދެވޭނެ ކަމަށެވެ.




