ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް.-- ފޮޓޯ: ރައީސް އޮފީސް
ހަކުރުން ޓެކްސް ނަގައި ޝީޝާ މަނާކުރަން މަޝްވަރާ ކުރަނީ
މަރްޔަމް މުޙައްމަދު 5 މާރޗް 2026 (ބުރާސްފަތި)   15:11
ދުޅަހެޔޮ ޖީލެއް ބިނާކުރަން ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށް ވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވަރަށް މަޝްވަރާކުރާ ކަންތައްތަކުގެ ވާހަކަ ތި ދަންނަވާލީ ޝީޝާ އާއި ހަކުރާ،" ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޕަބްލިކް ހެލްތު ވިސްނުމަކުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ދާނަމަ، ކުރިއަށް އޮތް ތަނުގައި ހަކުރުގެ މައްސަލައަށް ހައްލު ނާންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑުމެން އެކި ލެވެލްގައި އެބަ ކުރެވޭ (މަޝްވަރާ). ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

ހަކުރު ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލާނެ ދުވަހަކަށް ސިއްހީ ދާއިރާއިން އިންތިޒާރުކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގައި ބޮޑެތި މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރަން ގޮވާލާފައެވެ.

ކޮމެންޓް