
ރައީސް، މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ، އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އާޖެންޓީނާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށެވެ.
މީގެ އިތުރުން ކެމްބޯޑިއާ އަދި ވިއެޓްނާމްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް މއ.ރުއްކުރި، މަރްޔަމް މިދުފާ ނައީމް އައްޔަންކުރެއްވުމަށާއި، ގްރީސް (ހެލެނިކް ރިޕަބްލިކް)ގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ނަސީމީވިލާ، ހަސަން އާދަމް އައްޔަންކުރެއްވުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ މި ސިޓީ އިއްވުމަށްފަހު، މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިހާރު ފޮނުވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް ބައެއް މެންބަރުން ވަނީ ރާއްޖޭން ބޭރު އެކި ގައުމުތަކުގައި ހުން ރާއްޖޭގެ އެމްބަސީތަކަށް ކުރާ ހޭދަ ބޮޑުކަމުގެ ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ އެމްބަސީތަކަށް ދައުލަތުން ކުރާ ހަރަދު ބޮޑު ކަމަށާ، އެކަމުން ރައްޔިތަކަށް ހާސިލްވާ ކަމެއް ނެތް ކަމަށެވެ.
"އެމްބަސީތަކަށް މިހާރު އަހަރެއްގެ މައްޗަށް 648 މިލިޔަން ރުފިޔާ އެބަ ހަރަދުކުރެވޭ. ފަސް އަހަރަށް ބަހާލީމަ 3.1 ބިލިޔަން ރުފިޔާ އެބަ ހަރަދުކުރެވޭ" ނާޒިލް ވިދާޅުވިއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާއަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ ޖަލްސާ އެވެ. އަދި މިއީ މި ރަމަޟާން މަހު ބޭއްވި ފުރަތަމަ ޖަލްސާވެސް މެއެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.




