ޔަހޫދީންގެ ހަމަލާތައް އީރާނަށް އަމާޒުވެފައި - ފޮޓޯ: އޭޕީ
މެދުއިރުމަތީގައި ތިބި ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް، ދިވެހީން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައި
ޖުނާން އަޙުމަދު 28 ފެބްރުއަރީ 2026 (ހޮނިހިރު)   20:40
މެދުއިރުމަތީގައި މިހާރު ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވުމުން އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށް މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގައި، އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހީން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އެހެންކަމުން، އެ ގައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ވެސް އެދި، އެ މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު އެ ވުޒާރާއާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށާ، އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ ދިވެހިން، އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވެސް އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓް