އަލްއުސްތާޒު ރިފްއަތު އަބްދުﷲ، މަޖިލީހުގެ ކޮމިޓީގައި.-- ފޮޓޯ: މަޖިލިސް
އީސީ މެންބަރުކަމަށް ރިފްއަތު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
މަރްޔަމް މުޙައްމަދު 17 ފެބްރުއަރީ 2026 (އަންގާރަ)   15:35
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް މ.ވޭވަށް، ކިނާރާ، އަލްއުސްތާޒު ރިފްއަތު އަބްދުﷲ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އޭނާ މެންބަރުން އައްޔަނު ކުރުމާމެދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރެއްވި އިދިކޮޅު މެންބަރުންނާއި ޕީއެންސީ މެންބަރުންވެސް ވަނީ އެއީ އެ މަގާމަށް ގާބިލް ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ.

އީސީ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ފެބްރުއަރީ 21 ގައި ހަމަވާތީ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރިފްއަތުގެ ނަން އެކަންޏެވެ.

ރިފްއަތަކީ އީސީގެ ލީގަލް ޑިޕާޓްމަންޓްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އީސީއާ ދެކޮޅަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއްގައި ކޯޓުގައި އެ ކޮމިޝަންގެ ދިފާއުގައި އޭނަ ވަނީ ވަކާލާތުވެސް ކުރައްވާފައެވެ.

އެގޮތުން 2016 އަދި 2017 ވަނަ އަހަރު މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑިއާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވެސް އޭނާ އެ ކޮމިޝަން ތަމްސީލު ކުރެއްވި އެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ވެސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ.

ރިފްއަތު އެންމެ ފަހުން އަދާކުރެއްވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމެވެ.

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ.

ކޮމެންޓް