ދިވެހި ޕްލޭނަރުންގެ ޖަމިއްޔާގެ ފަރާތުން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތޮލިބް އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން
ބަންޑާރަ މިސްކިތް ހިމާޔަތް ކުރުމަށް ދިވެހި ޕްލޭނަރުންގެ ޖަމިއްޔާއިން ގޮވާލައިފި
މަރްޔަމް މުޙައްމަދު 11 މާރޗް 2026 (ބުދަ)   11:22
ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހިމާޔަތް ކުރުމަށް ގޮވައިލާ ދިވެހި ޕްލޭނަރުންގެ ޖަމިއްޔާ (އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނާސް) އިން ބަޔާނެއް ނެރެފިއެވެ.

ސަތޭކަ އަހަރާ ގާތްކުރާ ތާރީހީ މިސްކިތް ތަޅާލައި، އެ ބިމުގައި ޒަމާނީ މިސްކިތެއް އަޅަން ނިންމިކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މިމަހުގެ 6 ވީ ހުކުރު ދުވަހު އިއުލާންކުރެއްވި އެވެ. އެއާއެކީ ސޯޝަލް މީޑިއާގައި އެ ތަން ހިމާޔަތްކުރުމަށް ގޮވާލާ އަޑުގަދަވެފައި ވަނިކޮށް، ދިވެހި ޕްލޭނަރުންގެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނުގައި ބުނީ، 98 އަހަރުވެފައިވާ ބަންޑާރަ މިސްކިތަކީ މާލޭގައި ބާކީ ހުރި މަދު ތާރީޚީ ބިނާތަކުގެ ތެރެއިން ބިނާއެއް ކަމަށެވެ.

"ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މާލޭގެ ތާރީޚީ ބިނާވެށީގެ ބޮޑު ބައެއް ނެތިގޮސްފައިވާއިރު، ބާކީ ހުރި ތާރީޚީ ބިނާތައް ހިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި މިފަދަ ތާރީޚީ ބިނާތަކަކީ އެއްފަހަރު ތަޅާލުމަށްފަހު އަލުން އިއާދަކުރެވޭނެ ތަންތަނެއް ނޫނެވެ." ދިވެހި ޕްލޭނަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަންޑާރަ މިސްކިތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން، ސަގާފީ އަދި ތާރީޚީ ގޮތުން މުހިންމު ބިނާއެއްގެ ގޮތުގައި ދަފްތަރުކޮށްފައިވާ ތަނެކެވެ. އަދި 2019 ވަނަ އަހަރު ތަސްދީގުކޮށް އަމަލުކުރަންފެށި ތަރިކައިގެ ގާނޫނުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ, އެތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުން ލާޒިމުކުރާއިރު، މި ގާނޫނުގެ ދަށުން، 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިނާތަކަކީ ގައުމީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެތަންތަން ހިމާޔަތްކުރަންޖެހޭކަން ވެސް އެ ޖަމުއިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ.

"އާބަން ޕްލޭނިންގ ނަޒަރަކުން ބަލާއިރު، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކުގައި ބާރުއަޅަނީ ތަރައްގީއާއި ތާރީޚީ ބިނާތައް ހިމާޔަތްކުރުމާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށެވެ. ވަކިން ހާއްސަކޮށް، ތާރީޚީ ބިނާތައް މަދު ސިޓީތަކުގައި މިކަން މުހިންމެވެ. މިސްކިތް ގިނަ ސަރަހައްދެއްގައި ހުރި ތާރީޚީ ބިނާއެއް ތަޅާލައި, އައު ބިނާއެއް އެޅުމަކީ ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ކަމުގައި ނުވެދާނެއެވެ." ޕްލޭނަރުންގެ ޖަމިއްޔަގެ ބަޔާނުގައި ވެއެވެ. 

ޕްލޭނަރުންގެ ޖަމިއްޔާގެ ބަޔާން ނިންމަމުން ބުނެފައިވަނީ، އާސާރީ ބިނާތައް ރައްކާތެރިކޮށް ސަލާމަތް ކުރުމުގެ ގޮތުން ބަންޑާރަ މިސްކިތް ތަޅާލުމާ މެދު އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ދެކޮޅުހަދާ ކަމަށެވެ.

ދިވެހި ޕްލޭނަރުންގެ ޖަމިއްޔާ އަކީ ދިވެހިރާއްޖޭގެ އާބަން ޕްލޭނިން ޕްރޮފެޝަން ކުރިއެރުވުމަށް ހާއްސަ ކޮށް 2024 ވަނަ އަހަރުގެ ކުރީކޮޅު އުފެއްދި ޖަމިއްޔާއެކެވެ. ރާއްޖޭގެ ޕްލޭނިން ދާއިރާއާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ އަމާޒުގައި އެ ޖަމުއިއްޔާއިން ގެންދަނީ ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް