އިންތިހާބެއްގައި ވޯޓު ގުނުމުގެ މަސައްކަތުގެ ތެރެއިން - ފޮތޯ: އިލެކްޝަންސް ކޮމިޝަން
ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
ވޯޓުލުމުހެ ހައްގު 294،937 މީހުންނަށް ލިބިގެންވާއިރު، އޭގެތެރޭގައި ހިމެނެނީ، 144،506 އަންހެނުންނާއި 150،370 ފިރިހެނުން
ޖުނާން އަޙުމަދު 11 މާރޗް 2026 (ބުދަ)   12:58
މިއަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

މައި ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް ހިމެނޭ މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައި ވާއިރު، އެ ލިސްޓުން ހާމަވާގޮތުގައި، މި އިންތިހާބުތަކުގައި ވޯޓުލުމުހެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ.

ދާއިރާތަށްވެސް ވަކިވަކިން ފެންނަނާނެހެން އިލެކްޝަންސްގެ ވެބްސައިޓުގެ އިތުރުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވެސް މިހާރު ޝާއިއުކޮށްފައިވާ ލިސްޓުގައި، ވޯޓުލުމުހެ ހައްގުލިބިގެންވާ މީހުންގެ ތެރޭގައި ހިމެނެނީ، 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށާ، މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާއިރު، މި އިންތިހާބުގެ ސައްހަކަމާ މެދުގައި ސިޔާސީ ގިނަފަރާތްތަކަކުންނާއި މަދަނީ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ސުވާލުއުފައްދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް