ރައީސް މުއިއްޒު އާއި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް.- ފޮޓޯ: ރައީސް އޮފީސް
އިންތިހާބާ ދިމާކޮށް 15 އަތޮޅަކަށް 450 އަށް ވުރެގިނަ މުވައްޒަފުން ނަގަނީ
މަރްޔަމް މުޙައްމަދު 25 މާރޗް 2026 (ބުދަ)   05:10
ރާއްޖޭގެ 15 އަތޮޅެއްގައި މި ސަރުކާރުން ގާއިމު ކުރާ 19 ޕަބްލިކް ވޯކްސް ޔުނިޓަށް 456 މުވައްޒަފަކު ނަގަން ނިންމާފައިވާކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ޖުމްލަ 15 އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ނިންމާފަވާކަމަށެވެ.

އަދި އަތޮޅު ތަކުގައި އޮފީސް އިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަޅާފައިވާ ކަމަށާ، މީގެ އިތުރުން، 9،130،173.36 ޑޮލަރު (ނުވަ މިލިޔަން އެއްލައްކަ ތިރީސްހާސް އެއްސަތޭކަ ހަތްދިހަ ތިންޑޮލަރު ތިރީސް ހަ ސެންޓް) ހަރަދުކޮށްގެން 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް ޔުނިޓަށް ބޭނުންވާ އިކުއިޕްމަންޓާއި، މެޝިނަރީޒް ހޯދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456 މުވައްޒަފަކު ނެގުމަށް ނިންމާފަވާކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ، 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން ނަގާއިރު 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މީގެ ތެރެއިން މިހާތަނަށް 141 މަގާމު، މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވަލްކޮށްފައި ވާއިރު، އެއީ ހއ. ދިއްދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމާއި، ނ. މަނަދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމާއި، އދ. މަހިބަދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 22 މަގާމާއި، ވ. ފެލިދޫ ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމު، އަދި ތ. ވޭމަންޑޫ ޕަބްލިކް ވޯކްސް ޔުނިޓަށް 23 މަގާމުގެ އިތުރުން ގއ. ވިލިނގިލި ޕަބްލިކް ވޯކްސް ޔުނިޓަށް 24 މަގާމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމްކުރާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި ހިމެނެއެވެ.

ކުރިއަށްއޮތް ކައުންސިލް އިންތިހާބާ ދިމާކޮށް އެކިއެކި ކަންކަމާ ގުޅުވައިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުން އަންނާތީ އެކަމަށް ރައްދުދެއްވާ ރައީސް މުއިއްޒު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިންތިހާބާ ދިމާކޮށް ވަޒީފާތައް ބުހުމާއި ވަޒީފާގެބިރާއި ނުފޫޒު ފޯރުވުމަކީ މި ސަރުކާރުން ކުރާނެކަމެއް ނޫންކަމަށެވެ.

2024 ވަނަ އަހަރުގެ އޭޕްރީލްމަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް، ވަޒީފާތައް ބެހުމާއި ވަޒީފާގެ ބިރުދެއްކުމާއި ނުފޫޒު ފޯރުވާތީ އެކަމުގެ ކަންބޮޑުވުން އެޗްއާރްސީއެމްއިން ފާޅުކޮށް، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެކަމަށް ގޮވާލާ އެޗްއާރްސީއެމްއިން އޭރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބޭ ކަމަށާ، އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.

ކޮމެންޓް