
ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝަރުއީ ހަމަތަކުގެ މަތިން ހަނދު ސާބިތުވެފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ސާބިތުވި ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.
މިނިސްޓްރީން ބުނީ ރާއްޖެ އާއި އިސްލާމީ އެހެން ގައުމުތަކަށް ވެސް ޝައްވާލް މަހުގެ ހަނދު މިއަދު ފެނިފައި ނުވުމުގެ އިތުރުން އަދި އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ވެސް، މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަށް ނުދައްކާ ކަމަށެވެ.
ހަނދު މަހެއް ފެށުނު ކަމަށް ބަލަނީ އާ މަހުގެ ހަނދު އުފަންވެ، އެ ދުވަހުގެ އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް ހަނދު ފެންމަތީ ހުރެއްޖެ ނަމަ އެވެ. މިއަދު ރާއްޖެ އަށް އަދި އިސްލާމީ އެހެން ގައުމުތަކަށް ވެސް އެ ފުރުސަތު އޮތް ކަމަކަށް ފަލަކީ ހިސާބުތަކުން ނުދައްކަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުން ޝައްވާލް މަހުގެ ހަނދު ރާއްޖެއަށް އުފަންވާނީ މާދަމާ ހެނދުނު 6:23 ގަ އެވެ. އެ ހަނދު އޮއްސޭނީ، އިރު އޮއްސުމަށް ފަހު 15 މިނެޓް ފަހުން 18:34 ގައެވެ.
މައްކާއަށް ވެސް ޝައްވާލް މަހުގެ ހަނދު އުފަންވާނީ މިރޭ ފަތިހު 4:23 ގަ އެވެ. އެ ހަނދު އޮއްސޭނީ އެ ދުވަހު އިރު 18:31 ގައި އޮއްސޭތާ ބަރާބަރު ބައިގަޑިއިރު ފަހުން 19:01 ގަ އެވެ. އެހެންވެ ސައޫދީން ވެސް ވަނީ ހަނދު ސާބިތުނުވާ ކަމަށް ކަނޑައަޅައި މާދަމާ އަކީ ރަމަޟާން މަހުގެ 30 ކަމަށް ކަނޑައަޅައިފަ އެވެ.
މިއަހަރުގެ ފިތުރު ނަމާދު، ބޮޑު ޖަމާއަތުގައި ކުރުން މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހުކުރު ދުވަހު އޮންނާނެ އެވެ. މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އީދުނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.




