
ފުލުހުން ދެންމެ މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން އެންމެ ފުރަތަމަ ބުނީ އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މީހަކު މަރުވެފައި އޮތް ކަމަށް ރިޕޯޓު ކުރީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ނަމަވެސް އެއީ ކާކު ކަން ކަށަވަރު ވެފައި ނުވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އޭރު ބުންޏެވެ.
މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




