
މިކަމާގުޅިގެން ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އެރަށު އިންޖީނުގެއާ ހަވާލާދީ މީޑިއާގައި ވިދާޅުވީ، އެރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައިކޭބަލަކަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
މި މައްސަލަ ދިމާވި ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން މިހާރު ކުރަމުންދާ ކަމަށް ވިދާޅުވެ، ޔޫސުފް މޫސާ ވިދާޅުވީ، ކަރަންޓުކޭބަލަށް ދިމާވެގެންއުޅެނީ ސީދާ ކޮން މައްސަލައެއްކަން އަދި ސާފުނުވާ ކަމަށެވެ.
އެރަށުގެ އާންމުންގެ ފަރާތުން ބުނެފައިވާ ގޮތުގައި، އެރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑެންފެށީ، ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ އެރަށުގެ ރައްޔިތުން އެއްކޮށް ހޭދަ ކުރީ އަނދިރީގައި ކަމަށެވެ.
ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ބައެއް ސަރަހައްދުތަކަށް އިރުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މިހާރު ކަރަންޓު ނުލިބޭ ކަމަށާ، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމަކީ ކަރަންޓު ސާމާނު ހަލާކުވާކަމެއް ކަމަށްވުމުން މިކަމުގެ ގެއްލުން ރައްޔިތުންނަށް ދަނީ ލިބެމުންކަމަށް އެރަށުން ބުނެއެވެ.
ހދ. ނޮޅިވަރަމުގެ އާބާދީއަކީ ގާތްގަނޑަކަށް 1900 މީހުންނެވެ.




