އާ މާރުކޭޓުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުމެއް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލޯކަލް މާރުކޭޓް މަޝްރޫއު 126 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފި
ހަސަން އިބްރާހީމް 15 މާރޗް 2026 (އާދީއްތަ)   23:50
މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް އަޅަން 126 މިލިއަން ރުފިޔާ އަށް އަމިއްލަ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި، ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަދާ މާރުކޭޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ.

ބޭސްމަންޓާއި ޓެރަސް ހިމަނައިގެން ހަ ފަންގިފިލާ ހުންނަ މި އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ހާއްސަކުރަނީ ޕާކިންއަށެވެ. އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ މަސް މާރުކޭޓެވެ. މައްޗަށް ދެން ހުރި ތިން ފަންގިފިލާ ހާއްސަކުރަނީ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކަށެވެ. އެންމެ މަތީ ފަންގިފިލާ ހާއްސަކުރަނީ ފުޑް އައުޓްލެޓްތަކަށެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މާރުކޭޓު ހުންނާނެ ގޮތުގެ ނަމޫނާ ކުރެހުންތައް ވެސް މިއަދު އާންމުކޮށްފަ އެވެ. އިމާރާތުގެ ކުރެހުންތަކުން އެންމެ އަޅައިގަތް އެއް ކަމަކީ އިމާރާތުގެ ބޭރު ފަރުމާ ކުރަން ބޭނުންކުރަން ރާވާފައިވާ މަހެއްގެ ހުޅުނބުތައް ރަމްޒުކޮށްދޭ ޕެނަލްތަކެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫއު؛

  • ކޮންޓްރެކްޓަރު: ޓްރަސްޓެން މޯލްޑިވްސް
  • އަގު: 126,359,594.94ރ.
  • ނިންމަން ޖެހޭ މުއްދަތު: އެއް އަހަރާއި ހަ މަސް

މި ތަނަށް ފަންޑުކުރަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކަމަށް، ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހެންވޭރު ރައްޔިތުންނާ އެކީ ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެއްކޮށްލައި ލޯކަލް މާރުކޭޓު ހުރި ތަނަށް ބަދަލުކުރުމަށް 2019 ވަނަ އަހަރު އޭރުގެ މޭޔަރު ޝިފާ މުހައްމަދު އިއުލާން ކުރެއްވި އެވެ.

އޭގެ ފަހުން މާލޭ މޭޔަރަކަށް ވެވަޑައިގެންނެވި ޑރ. މުޙައްމަދު މުއިއްޒު ވިސްނެވީ ލޯކަލް މާރުކޭޓުގެ ބަދަލުގައި، މަސް މާރުކޭޓު މި ކޮންސެޕްޓަށް ތަރައްގީކުރާށެވެ.

އެ ގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނަވައިގެން ވަނީ، މަސް މާރުކޭޓު ތަރައްގީކުރަން 6.1 މިލިއަން ޑޮލަރު (94 މިލިއަން ރުފިޔާ) އަށް ބަޔަކާ ހަވާލުކޮށްފަ އެވެ. ނަމަވެސް މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުން، މާލޭ މޭޔަރުގެ ގޮނޑި ހުސްވުމާއި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގަތުމާ ދޭތެރޭގައި މި އެއްބަސްވުން ވަނީ އުވާލާފަ އެވެ.

ދެ ވަނަ އެއްބަސްވުމުގައި އެހެން ބަޔަކާ އެކީ ސޮއިކުރީ، ކުރީގެ އަގަށް 3.5 މިލިއަން ޑޮލަރު (54 މިލިއަން ރުފިޔާ) އިތުރުކޮށް، 9.6 މިލިއަން ޑޮލަރު (146 މިލިއަން ރުފިޔާ) އަށެވެ. މި އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މާލޭ ސިޓީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ.

ނަސީރު ސޮއިކުރެއްވި އެއްބަސްވުމުގައި އޮތީ، އާޒިމް ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގެ ޖުމުލަ އަގު، އެއީ 9.6 މިލިއަން ޑޮލަރު ނުދީފި ނަމަ ކޮންޓްރެކްޓަރަށް 25 އަހަރަށް މަސް މާރުކޭޓު ހުރި އިމާރާތާއި ބިން ލިބޭ ގޮތަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި މައްސަލައިގައި ނަސީރު ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށްފަ އެވެ. މިހެން ނަމަވެސް މި ކަން އެޖެންޑާ ކުރާ ކޮންމެ ފަހަރެއްގައި، އެ ކައުންސިލުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ކައުންސިލަރުން ވަނީ ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލުވާލާފަ އެވެ. މި މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މި މައްސަލަ އޭސީސީ ގައި ކުރިއަކަށް ނުދެއެވެ.

ކޮމެންޓް