
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް އެތައް ހާސް މުވައްޒަފުން ނެގުން ދިފާއުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ދުވަސްވަރުގައި ވެސް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ މަޝްރޫއުތަކަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން ނަގާ މުވައްޒަފުންނެއް ނޫން ކަމަށެވެ.
އެހެންކަމުން، އެމްޓީސީސީއަށް ނަގާ މުވައްޒަފުން އިތުރުވެގެން އުޅޭ ސަބަބެއް ކަމަށް މުއިއްޒު ވިދާޅުވީ، އެއީ ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް ނަގާ މުއައްޒަފުންނާއި، އަލަށް ސޮއިކުރެވޭ މަޝްރޫއުތަކަށް މުއައްޒަފުން ނަގާތީ ކަމަށެވެ.
މި ސަރުކާރަކީ އިންތިހާބާ ދިމާކޮށް ކަޑަ ޖަހައިގެން މުވައްޒަފުން ނަގާ ސަރުކާރެއް ނޫންކަމަށާ، ކުރީ ސަރުކާރުތަކާ އެއްގޮތް ކަހަލަ ގޮތަކަށް މުވައްޒަފުންތަކެއް ނެގިޔަސް، މި ސަރުކާރުގެ މަޝްްރޫއުތަކުގެ ތަފްސީލަށް ބެލުމުން މުވައްޒަފުން ނަގަންޖެހޭކަން އެނގެން އޮންނާނެ ކަމަށެވެ.
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކާ ހުރެ، މަޝްރޫއުތައް ހުއްޓާލަންޖެހޭ ހިސާބުން މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުގައި 2،300 އަށްވުރެ ގިނަ މަޝްރޫއުތައް މިހާރު އެބަ ކުރިއަށްދާ ކަމަށެވެ. އަދި ދަތިތަކާ ގުޅިގެން ހަރަދުކުޑަކުރަން މަޝްރޫއުތައް ހުއްޓާލި ނަމަވެސް ގެދޮރުވެރިކަމުގެ މަޝްރުއުތަކާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެ އެމަނިކުފާނު ފާހަގަކުރެއްވި ކުންފުނިތަކުގެ އިތުރުން ވެސް، އިންތިހާބާ ދިމާކޮށް ސާޅީހަށްވުރެ ގިނަ ވަޒީފާ ކަސްޓަމްސްއިން ހޮނިހިރު ދުވަހު އިއުލާންކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
އަދި ފާއިތުވި 2 ހަފްތާތެރޭ އެކަނި އެމްޓީސީސީން ވެސް 600 އަށްވުރެ ގިނަ ވަޒީފާ ވަނީ ކުރު ސުންގަޑިއަކާ އެކު އިއުލާންކޮށްފައިކަން ފާހަގަކޮށްލެވެއެވެ.




