އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައި ހުރި ބެނާތައް އެޗްޑީސީގެ މުވައްޒަފުން ނަގަނީ.--
އެމްޑީޕީން ހުޅުމާލޭގައި ދެމި ބެނާތައް އެޗްޑީސީގެ މުވައްޒަފުން ހަލާކުކޮށްގެން ނަގައިފި
ޖުނާން އަޙުމަދު 16 މާރޗް 2026 (ހޯމަ)   14:47
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައި ހުރި ގިނަ ބެނާތަކެއް އެޗްޑީސީގެ މުވައްޒަފުން ރޭ ފަތިހު ނުކުމެ، ހަލާކުކޮށްގެން ނަގައިފި އެވެ.

ސޯޝަލްމީޑިއާގައި އާންމު ކޮށްފައިހުރި ބައެއް ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ރޭ ފަތިހުގެ ވަގުތު އެޗްޑީސީގެ މުވައްޒަފުން، ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި އެމްޑީޕީގެ ބެނާތައް ނަގާތަން ފެނެއެވެ. އޭގެތެރެއިން ބައެއް ބެނާތައް ނަގާފައި ވަރަށް ބޮޑަށް އިރާލައި ހަލާކު ކޮށްލައިގެންނެވެ.

އެޗްޑީސީގެ މި ހަރުކަށި އަމަލާ ގުޅޭގޮތުން ސުވާލުކުރުމުން އެޗްޑީސީގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ "ބެނާތައް ނެގީ ހުއްދަ ނުނަގާ ދަމާފައި ހުރުމުން" ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން މެޓީރިއަލްސް ހުޅުމާލޭގެ އާންމު ސަރަހައްދު ތަކުގައި ހަރުކުރުމުގެ ހުއްދައަށްވަނީ އެދިފައެވެ. އެހެންނަމަވެސް، އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެ ހުއްދަ އެޗްޑީސީން ނުދިންތާ އެކަމަށް އެއްވެސް ޖަވާބެއްވެސް ދީފައެއް ނުވެއެވެ.

އެޗްޑީސީން ހަލާކުކޮށްލި ބެނާތަކުގެ ތެރޭގައި މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕޯސްޓަރުތައް ހިމެނެ އެވެ. އެޗްޑީސީގެ މި އަމަލާ ގުޅޭގޮތުން މީޑިއާއަށް ދެއްވި މައުލޫމާތުގައި މޭޔަރު އާޒިމް ވިދާޅުވީ މުޅި ހުޅުމާލޭގައި ޕީއެންސީގެ ބެނާތައް ދަމާފައިވާއިރު، އެމްޑީޕީގެ ބެނާތައް ހަލާކުކޮށްގެން ނެގުމަކީ ވަރަށް ދެރަވަރު، ފިނޑި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"އަޅުގަނޑުމެން ހުއްދައަށް އެދުނުތާ އެތައް ދުވަހެއް ވެއްޖެ. އެކަމަކު އެޗްޑީސީން ގަސްދުގައި ހުއްދަ ނުދީ ބާއްވާފައި އޮތީ. އެ ހުއްދަ ނުދީ ދިގުލައިގެން ދާތީ ބެނާތައް ދެމީ،" އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ހުއްދަ ނުދީ ބާއްވާފައި އޮތް އިރު، މުޅި ހުޅުމާލޭގައި އެ އޮތީ ޕީއެންސީގެ ބެނާތައް. އެގޮތަށް ވަކި ބަޔަކަށް ހުއްދަ ދީ، ވަކި ބަޔަކަށް ނުދިނުމަކީ ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް. މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން."

އާޒިމް ވިދާޅުވެފައިވާ ގޮތުގައި، ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ހައްގު އޮންނަންވާނެ އެވެ. އަދި އެ ހައްގަށް އެޗްޑީސީން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބެނާތައް ނެގުމުން ހުޅުމާލޭގެ މަގުތަކުގައި މިހާރު އެއްކޮށްހެން ހުރީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓުންގެ ބެނާތައް އެކަންޏެވެ. އެމްޑީޕީގެ ބެނާތައް އެޗްޑީސީން ނެގި ނަމަވެސް، އެ ޕާޓީގެ ބައެއް ކެންޑިޑޭޓުންގެ ބޮޑެތި ބިލްބޯޑުތައް އަދި ހުޅުމާލެއިން ފެންނަން އެބަހުއްޓެވެ.

ކޮމެންޓް