
ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޒާޔާގެ މި ބޮޑު ކެންވަސް ނަގާފައި އެ ތަނުގައި ބަހައްޓާފައިހުރީ ހުޅުމާލެ އުތުރު ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓް ފާތުމަތު ޝައުފާ ސަލީމް ގެ ކެންވާސް އެކެވެ. ޝައުފާ އަކީ ރައްޔިތުންގެ މަޖިލިސް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފްގެ ޅީދަރިފުޅެވެ.
ޒާޔާގެ ޕޯސްޓަރު ނަގާފައިވާކަން މިއަދު ފާހަގަ ވުމާއެކު ޒާޔާ ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކުރައްވާފައެވެ.
"އަޅުގަނޑުގެ ޕޯސްޓަރު ނަގާފައި މިތަނަށް އެމްޕީ ހުސައިން ޝަރީފުގެ ޅީ ދަރި ޝައުފާގެ ޕޯސްޓަރު މިވަނީ ޖަހާފައި، ދޫނި ސަރުކާރުން އަންގައިގެން އެޗްޑީސީން ކުރަމުން މިގެންދަނީ ޖެއްސުމާއި ފުރައްސާރަ ނޫން ކޮންކަމެއްބާ؟ މީ ގަސްތުގައި އަޅުގަނޑުގެ އިންތިހާބީ ހައްގަށް އަރައިގަތުން ނޫންބާ؟ އިންތިހާބުން ބޮޑުބަލިން ބަލިވާނެ ކަން ޔަގީންވުމުން ކުރާނެ ކަންތަށް ކުރަމުން މިގެންދަނީ. އަމިއްލަ ދާއިރާއިން ތާއީދު ނެތުމުން އައިސް މިދާއިރާއަށް ފުންމާލުމަކީ އެހެންމީހުންނަށް އޭގެ ޖެއްސުން ކުރަންޖެހޭނެ ކަމެއްނޫން. އިންޝާ الله ބޮޑު ބަލިން ބަލިކުރާނަން." ޒާޔާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޒާޔާ ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމާ ހަވާލުވެ ތިބި މީހުން މިދަރަޖައަށް ވެއްޓުމަކީ ނާތަހުޒީބު ކަމެއް ކަމަށާ، މިއީ ސިޔާސީ ގޮތުން ޖެއްސުން ކުރުމާއި ފުރައްސާރަކުރުމުގެ އިންތިހާ ކަމަށެވެ.
"ސަރުކާރު ހިންގެވުމާ ޙަވާލުވެގެން ތިއްބަވާ ބަޔަކު މިދަރަޖައަށް ވެއްޓުމަކީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ ކަމެއް. އަޅުގަނޑުގެ ކެމްޕެއިން ޕޯސްޓަރު ނަގާފައި އަދި ނުވިތާކަށް ހަމަ އެތާ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުގެ ޕޯސްޓަރު ޖެހުމަކީ ސިޔާސީ ގޮތުން ޖެއްސުންކުރުމާއި ފުރައްސާރަ ކުރުމުގެ ވެސް އިންތިހާ ނޫންތޯ."
ޕޯސްޓަރު ޖެހުމުގެ ހުއްދައަށް އެންމެ ފުރަތަމަ އެދުނީވެސް ޒާޔާކަން ފާހަގަ ކުރައްވައި ޒާޔާ ވިދާޅުވެފައިވަނީ ރައްޔިތުންގެ ތާއީދު ހޯދުމަށް ގާނޫނީގޮތުން ލިބިދޭ ކެމްޕޭން ކުރުމުގެ ހައްގަށް ތަކުރާރުކޮށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ޙައްޤުތައް ރައްކާތެރި ކޮށްދެއްވާ، ހަމަހަމަ ފުރުޞަތު ކަށަވަރު ކޮށްދެއްވުމަށް ގޮވާލަން." އިލެކްޝަންސް ކޮމިޝަން ޓެގް ކުރައްވައި ޒާޔާ ވިދާޅުވެފައި ވެއެވެ.
ހުޅުމާލޭގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގިނަ އަދަދެއްގެ ޕޯސްޓަރުތައް ރޭ ފަތިހު އެޗްޑީސީގެ މުވައްޒަފުން ނަގާފައިވާކަން މިއަދު ވަނީ މީޑިއާގެ ސަމާލުކަމަށް އައިއްސައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭން ކުރިއަށްދާއިރު ދައުލަތުގެ މުއައްސަސާތަކުން ދަނީ ވަރަށް ބޮޑަށް ތަފާތު ކުރަމުންނެވެ. ސިޔާސީ ފިކުރުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިފަދަ ގޮތްގޮތަށް އަމަލުކުރަމުން ދާއިރުވެސް އެކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތައް އޮންނަނީ ހިމޭނުންނެވެ.




