ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 26
މ ޝ 17 މާރޗް 2026 (އަންގާރަ)   07:18
...އަނެއްކާވެސް މާންއަށް ތެންކިއު.. ގުޑް ފުޑް އެންޑް ހެޕީ ނިއުސް ލިބުނު ރެއެއް... އަލްހަމްދުލިއްލާހި.' އުލްޔާ ދިނީ ބޮޑު ތަގުރީރެކެވެ.

(ކުރީ ހަފްތާއާ ގުޅޭ)

މާން ބާރަށް އަތްޖަހަމުން ގޮނޑިން ކޮޅަށްވެސް ތެދުވިއެވެ. އުލްޔާ ކައިރިއަށް ހިނިއައި ވަރުން އަނެއްކާ މާންގެ ގައިގައި ޖަހަން އަތްމަޅައިގަތެވެ.

ދެކުދިން ސިހުނީ ސިޑިން ފައިބައިގެން އައި ރަޒީނައްތަ ފެނުމުންނެވެ. މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

'މާން ދެން ގެއަށް ދޭ. ވާވަރަށް ސަކަރާތް ޖެހިއްޖެނު. ގެވެސް ފުނޑޭ ވަރަށް އެބަ ހެއެއްނު. އަދި އުލްޔާއަށްވެސް ވަރަށް މަޖަލޭ ދޯ މާނު ޖައްސާ ވައްތަރު...' ކުދި ކިޔަމުންގޮސް ރަޒީނައްތަ ސިޓިންގރޫމަށް ނުކުތީއެވެ.

މައިތިރިވެ ހިމޭންވެފައި ތިބި އުލްޔާއާއި މާނު އެކަކު އަނެކަކަށް ބަލާލީ ހައިރާންވެފައި ތިބެއެވެ. ދުވަހަކުވެސް އުލްޔާ ހުއްޓާ މާންއާ އެހާ ހަރުކަށިކޮށް އޭނާގެ ތިއްތަ ވާހަކަ ނުދައްކާތީ މާންވެސް ހުރީ ކުޑަކޮށް ދެރަވެފައެވެ. ވައި އަޑުން ދެން ދަނީއޭ ބުނެފައި މާން ހިނގައިގަތީ ބޭރަށެވެ. އުލްޔާއަކަށް އިތުރަކަށް ކާއެއްޗެއްވެސް ކެވޭ ގޮތެއް ނުވިއެވެ. ބަނޑުހައިކަންވެސް ފިލާދިޔައީ ބާވައޭ ހިތަށް އެރިއެވެ. ތަށީގައި ހުރި ކާތަކެތި ޑަސްބިނަށް ލީ ހިތާ ދެކޮޅަށެވެ. ކާއެއްޗެހި އިސްރާފު ކުރުމަކީ އުލްޔާ އެއްގޮތަކަށްވެސް ނުކުރާ ކަމަކަށްވާތީއެވެ.

އެރޭ ނިދަން އޮށޯވެފައި އުލްޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ނިދިވަނީ އޭނާއާއި އެތައް މޭލު ދުރުގައިހެން ހީވިއެވެ. ރަޒީނައްތަގެ ބަދަލުވަމުންދާ މޫޑްގެ އަސްލު އެނގުމާއެކު ދެން ކުރިއަށް އޮތް ދުވަސްތައް އޭނާއަށް އުނދަގޫ ވެދާނެވަރު ހިތަށް އަރާފައި ހާސްވަނީއެވެ. ކަމެއް ހިއްސާކޮށްލަންވެސް ހުރީ މާން އެކަންޏެވެ. އެކަމަކު އެވެސް އުލްޔާއަށްވުރެ ޅަ ސިކުނޑިއެއް ދެއްވާފައިވާ ސޮރެކެވެ. ދޭތިން އެކައްޗަށް އެހެރަ ޖަހާލާ ހިނިގަނޑަކުން އަންގައިދެނީ މިދުނިޔެ މަތީގައި މާންއަށް ބޮޑުވާ ހަމަ އެއްކަމެއްވެސް ނެތްކަމެވެ. އެކަމަކު އެކުއްޖާ ދެކެ ރުޅިއަޔަސް އިރުކޮޅަކުން އެހުނުމާ އެއްބައިވެވެނީ އުލްޔާގެ އެކަނިވެރިކަން ފިލުވާދޭން މާން އެގެއަށް އަންނާތީއެވެ. އެހެން ހިތަށް އެރުމުން ބޭއިހުތިޔާރުގައި އޭނާއަށް ހިނިތުންވެލެވުނެވެ.

އުލްޔާ ރަށުން އައިސް ސްކޫލަށް ވަދެވުމުގެ ކުރިން ރަށު ބޯޓު އައި ކޮންމެ ފަހަރަކު މަންމައާއި، ޖަންނަ އަދި ނުހާގެ ސިޓީތައް ލިބުނެވެ. ދެވަނަ ޓާރމްގެ ކިޔެވުމަށް ސްކޫލް ހުޅުވުމުން ވަގުތު ނުވެގެންކަމަށް ބުނެފައި ފަހުން ޖަންނައާއި ނުހާގެ ފަރާތުން ލިބުނީ އެންމެ ސިޓީއެކެވެ. ރަހުމަތްތެރިކަމަކީވެސް ދެކެފަރިތަވާ މިންވަރާއެކު އެއަށް ބަދަލު އަންނާނެ ކަމެއްކަން އުލްޔާ ގަބޫލުކުރިއެވެ. ބޮޑު ޗުއްޓީގައި އުލްޔާ ރަށަށް ދިއުމުން އަލުން އެކުދިންގެ ލޯބި ލޯބި އުފާވެރި ހަޔާތަށް އެނބުރި ދެވޭނެއެވެ.

މަންމަގެ ސިޓީތަކާއެކީ އަބަދުވެސް ޔުސްކޮއްކޮގެ ލޯބި ލޯބި ހަބަރުތައް އާދެއެވެ. ހުމާކޮއްކޮ ހިނގާ ދުވެ ފުމެ ކުޅެ މުޅި ގޭގައި ފޫޓު އަޅާ ވާހަކަ ލިޔެފައި ނުވިތާކަށް އާޓްފޮތުގެ ގަނޑެއްގައި އެމަންޒަރުތައް ކުރަހާފައިވެސް ޔުސްކޮއްކޮގެ ކުޑަ ސިޓީއަކާއެކު އޮތެވެ. އެ ކުރެހުން އުލްޔާގެ ކޮޓަރީގެ ފާރުގައި ތަތްކުރީ އެއަށް ބެލުމުން ކޮއްކޮމެން މަތިން ބޮޑަށް ހަނދާންވާތީއެވެ.

މަންމަގެ ހަދިޔާތައްވެސް އަބަދު ލިބެއެވެ. އައްޑޫ ބޮނޑިއާއި، ކުދިގުޅަ، ކުޅި ރޮށި އަދި ދޮންކޭލާއި އަނބު ގަވައިދުން ލިބެއެވެ. އުލްޔާއަށް އެތަކެތި އެހާ ކަމުނުދާނެކަން މަންމައާއި މާމައަށް އެނގުނަސް ބައްޕައަށް އެހުރިހާ އެއްޗެއް މީރުވީމަ ފޮނުވަނީއޭ އުލްޔާ ހިތަށް އަރައެވެ.

ދެން އޮތީ އުލްޔާ ވިސްނާ ވިސްނާވެސް ނޭނގުނު ކަމެއްގެ ވާހަކައެވެ. އުލްޔާގެ ގޭ މީހުން އެގެއަށް ފޮނުވާ އެއްވެސް އެއްޗެއް ރަޒީނައްތަ ނުކާ ވާހަކައެވެ. އެކަންތަކާވެސް އޭނާ މާންއާ މަޝްވަރާކުރިއެވެ. ހިނގަނޑެއް ޖަހާލާފައި މާން ބުނީ އައްޑޫ މީހުން ފޮނުވާ އެއްޗިއްސަށް ފަންޑިތަ ހަދާފައި ހުރެދާނެތީ ރަޒީނައްތަ އެ ނުކަނީ ކަމުގައެވެ. މާން އެހެން ބުނި ވަގުތު އުލްޔާ ހުރީ ސިންކު ކައިރީގައި ތައްޓެއް ދޮންނާށެވެ. އެވާހަކަ އިވުމުން އަރައިގަތް ފޫހިން މާންގެ މޫނަށް ފެން ޖެހުމުން މާން ދުވެ ފިލީއެވެ.

އެކަހަލަ ހިޔާލުތަކެއްގައި އޮއްވާ އުލްޔާއަށް ނިދުނު އިރެއް ނޭނގެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށް ހޭލެވުމުން އާދުވަހަކަށް ހޭލެވުނުކަމަށްޓަކައި ﷲއަށް ޝުކުރުކުރަމުން އުލްޔާ ތެދުވެ ނަމާދުކުރިއެވެ. ރީތިވެގެން ބަދިގެއަށް ވަދެ ކިރުސައިތައްޓެއް ހަދައިގެން ބޯލިއެވެ. ހެނދުނުގެ ސަޔަށް ޕާނާއެކު ބަޓަރާއި ޖޭމު އަދި ބިސްގަނޑު ތައްޔާރުކުރިއެވެ. ރަޒީނައްތަގެ ހިލަމެއް ވާނީ ހަތެއް ޖެހުމުގެ ފަހުންނެވެ. އެހާއިރަށް އުލްޔާ ހުންނާނީ ގޭތެރެ ކުނިކަހާ، ހުރިހާ ގަހަކަށް ފެންދީވެސް ނިންމާފައެވެ. ޗާބީ ދީފައި ހުންނަ ބުދެކޭ އެއްފަދައިން އެގޭގައި ކުރަންޖެހޭހާ ކަމެއް އޭނާ ގަޑިން ގަޑިއަށް ކުރަނީ ސްކޫލް ފިލާވަޅުތައްވެސް ހަދާނެ ވަގުތު ހޯދަންޖެހޭތީއެވެ.

އެދުވަހު އުލްޔާއަށް ރަޒީނައްތަ ފެނުމުން ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. އެއީ އޭނަގެ ދޮންމަންމައެވެ. އަމިއްލަ ދަރިއެއް ދުވަހަކު ނުލިބޭ އަންހެނެކެވެ. ދަރިއެއް ލިބެން އުޅޭތީ ރަޒީނައްތަވެސް ވަރަށް އުފާވާނެކަން ގައިމެވެ. އުލްޔާއަށް ހުރެވުނީ އެސްފިޔަވެސް ޖަހައިނުލާ ރަޒީނައްތައާ ދިމާލަށް ބަލާށެވެ. އެކަން ފާހަގަވުމުން އުލްޔާގެ ކައިރިއަށް އައިސް ރަޒީނައްތަ ހީލިއެވެ.

'އުލްޔާއަށް އެނގިއްޖެ ދޯ ރަޒީނައްތަ ޕްރެގްކަން... އަސްލު ބައްޕައާ ދެމީހުން ތިބެ ބުނަން އުޅުނީ... މާންއަށްވެސް ނާންގާ މިތިބީ ހިތުން... އެކަމަކު ރޭގަ އުލްޔާ ކައިރީ އެ ބުނީނު ދޮންތައާ ދެއްކި ވާހަކަ އަޑު އެހީމޭ... ބައްޕަ ބުނީ އުލްޔާ ކައިރީ ބުނާނީއޭ ތިންމަސް ވީމަ.. އުލްޔާއަށް ދޮންތަ ކިޔާނެ ތިންވަނަ ކޮއްކޮއެއް ލިބޭއިރު އުލްޔާވެސް އުފާވާނެ ދޯ.' ރަޒީނައްތަ އެހެން އަހާލީ އުލްޔާގެ ޖަވާބަކަށް އެދިގެންނެވެ.

'މަރުހަބާ ރަޒީނައްތާ... އުލްޔާ ވަރަށް އުފާވާނެ. ރަޒީނައްތައަށް ބޭނުންވާ ކަންކަމުގަ އެހީވާން އުލްޔާ ހުންނާނަން. މަންމަ ޕްރެގް އިރުވެސް ފައި މަސާޖްކޮށްދީވެސް ހަދަން... އުލްޔާ މަސާޖްކޮށްދިނީމަ ލުއިވެޔޭވެސް މަންމަ ބުނާނެ... އުލްޔާއަކީ ނާރސްއެކޭވެސް ބުނާނެ..' އެހާ އުފާވެފައި އުލްޔާ ރަޒީނައްތައާ އެކުވެރިކަމާއެކު ވާހަކަދެއްކި އެއީ ފުރަތަމަ ފަހަރެވެ.

(ނުނިމޭ)

ކޮމެންޓް
ފަޒީލް
2 weeks ago
މި ފަހަރު ކިހާ ވަރަކަުން ދާނެބާ؟