
'މިކަމާ ދޯ ރޮވުނީ... ދައްތަ ބަލިވެގެން އެކަމާ ހެދި މިހެންވީ... ބައްޕައަށް ދައްތަ ކިޔަދޭނަން... އުލްޔާ ދެރަނުވޭ... ތިންވަނަ ޓާރމް ފެށެންވާ އިރަށް ގޭގަ މަސައްކަތް ކުރާނެ މީހެއް ހޯދާނަން.. އުލްޔާއަށް ނުކިޔެވޭގޮތް ވާކަށް ދައްތަ ބޭނުމެއްނޫނޭ.' ރަޒީނައްތަ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.
އުލްޔާއަށް އަނެއްކާ ރޮވެން ފެށުނެވެ. 'މަންމަ ހިތްހަމަނުޖެހޭނެ.. ރިޒަލްޓް ދަށްނުވޭ ދުވަހަކުވެސް... ރަށުގަ އުލްޔާ މުޅި ގްރޭޑުންވެސް އެންމެ މޮޅު ތިން ކުދިން ތެރޭ ހިމެނޭ އަބަދުވެސް..' އުލްޔާ ރަށުގެ ވާހަކަ ރަޒީނައްތަ ކައިރީގައި ކުރިން ނުވެސް ދައްކައެވެ. އަމުދުން އޭނާގެ މަންމައާއި ކޮއްކޮމެންގެ ވާހަކަވެސް ނުދައްކައެވެ.
'މާލެ ފޮނުވިއިރުވެސް މަންމަ ބުނި މޮޅަށް ކިޔަވަން.. އެކަމަކު ފުރަތަމަ އިމްތިހާނުގައިވެސް މިއޮތީ ވީ ގޮތް..' ރޮމުން ގިސްލެވެމުން ދިޔައިރުވެސް އުލްޔާއަކަށް ވާހަކަދެއްކުން ހުއްޓާނުލެވުނެވެ. އެންމެފަހުން ރަޒީނައްތަ އޭނާ ގެނެސް ބައްދާލިއެވެ. އެތައް ދުވަހަކަށްފަހު އުލްޔާއަށް މަންމަ ނޫނަސް މަންމަގެ މަގާމުގައި ހުރި އެހެން އަންހެނެއްގެ ގާތްކަން އިހުސާސްވެ އޭނާއަށް އެކަމުން ހިތްހަމަޖެހުމެއް ލިބޭގޮތްވިއެވެ. އުލްޔާ ލޯމަރާ ބާރުކޮށްލީ އޭނަގެ ލޮލުން ފައިބާ ކަރުނަތައް ހުސްކުރަން ބޭނުންވެގެންނެވެ. އޭނާގެ ބުރަކަށީގައި ރަޒީނައްތަ ފިރުމަނީއެވެ. ދޮންމަންމައެއްގެ ނުބައިކަމެއް ނެތެވެ.
އާނއެކެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ލޯބިވެތިކަމުގެ ސިފަ ﷲ ލައްވާފައިވެއެވެ. ގިނަ ފަހަރު އަނެކާގެ އެ ސިފަ ނޭނގި ތިބެމެ އެހެން މީހުން އޭނާއަށް އިންސާފުކޮށް ގޮތް ނިންމަނީއެވެ. އުލްޔާވެސް އެންމެ ފުރަތަމަ ރަޒީނައްތައާ ބައްދަލުވީއްސުރެން އެހުންނަނީ އޭނާގެ ދޮންމަންމަގެ ނުބައިކަން އަދި ފެންނާނެޔޭ ހިތައެވެ. އެކުގައި އުޅެ ފޫހިވެގެން 'އީވިލް' ބައި ދައްކަން ފައްޓާއިރަށް ބައްޕަ ގާތުގައި ރޮއެ ހޭރިގެންވެސް އޭނާ ރަށަށް ދާނީއޭ ހިތުގައި އޮވެއެވެ.
ކަންތައް މިވީ އޭނާ ހީކުރި ގޮތަކަށްނޫނެވެ. ރަޒީނައްތައަކީ ހަމަ 'އެކަނިވެރި' އަންހެނެކެވެ. އޭނާ އެގެއަށް އައުމުން ރަޒީނައްތައަށް އުފާވެރިކަމެއް ލިބުނީއެވެ. ރަޒީނައްތަ އުލްޔާ ދެކެ ލޯބިވެސްވެޔޭ އުލްޔާގެ ހިތަށް އެރިއެވެ. ހަގީގަތުގައި ރަޒީނައްތަގެ ބަނޑުގައިވާ ދަރިފުޅަކީ އޭނާގެ އެއްބަފާ ކޮއްކޮއެކެވެ. ޔުސްރާއާއި ހުމާގެވެސް ކޮއްކޮއެވެ. އެހެން ހިތަށް އެރުމާއެކު އުލްޔާގެ ރުއިން ހުއްޓާލަން މަސައްކަތްކުރިއެވެ. އަދި ހިންދެމިލާފައި ރަޒީނައްތަގެ މޫނަށް ބަލާލިއެވެ. ހޮޑުލެވޭތީ ވަރުބަލިވެފައިވާކަން އެމޫނު ހެކިދެއެވެ. އުލްޔާއަކީ ރަޒީނައްތައަށް ހުރި ބުރައަކަށް އޭނާ ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާ ވާނީ އިހުނަށްވުރެ ބޮޑަށް ރަޒީނައްތައަށް އަޅާލާ، އެންމެ ގާތުގައި ހުރި މީހާއަށެވެ.
'ތެންކިއު ދައްތާ... އުލްޔާ ދެނެއް ނުރޯނަން. ފަހު ޓާރމްގަ ވަރަށް ގަދައަށް މަސައްކަތް ކޮށްގެން އިރާދަކުރެއްވިއްޔާ މުޅި ކުލާހުން އެއްވަނަ ހޯދާނަން.' އުލްޔާގެ ހިތުގައި އޮތް ވަރުގަދަ އަޒުމް ރަޒީނައްތައާ ހިއްސާކޮށްލިއެވެ. 'އުލްޔާގެ މިވާހަކަ މީ ސީކްރެޓެއް އިނގޭ.. ބޭނުމީ ޓެސްޓް ހަދައިގެން އަމީނިއްޔާއަށް ވަންނަން... ގްރޭޑް އަށަކަށް ދާއިރު.' އުލްޔާ ބުނެލީ އޭނާ މާލޭގައި އިތުރަށް ކިޔަވަން ހުންނަނަމަ އެންމެ ބޭނުންވާ ކަންތަކުގެ ވާހަކައެވެ.
'ހަމަ އަސްލުވެސްތަ؟... ރަށްރަށުން އަންނަ ކުދިންނަށް ޓެސްޓް ހަދައިގެން ވަދެވެޔޭ އަމީނިއްޔާއަށް... އެއީ ވަރަށް ކުރިއްސުރެ އޮންނަ ކަމެއް... ހުސް މާލޭ ކުދިންނެއް ނޫން އެހެންވެ އަމީނިއްޔާގަ ކިޔަވަނީ... އެއީ ކޮންމެ އަތޮޅެއްގެ ކުއްޖަކަށްވިޔަސް އޮންނަންވާނެ ފުރުސަތެއް. ދައްތަ ތި ސީކްރެޓް ނުބުނާނަން އެއްވެސް މީހެއް ކައިރީ... މިހާރުއްސުރެ ތިކަމަށް މަސައްކަތް ކުރީމަ ވާނެ.' މާގިނައިރު ވާހަކަ ދައްކަންވީމަ ރަޒީނައްތަ ވަރުބަލިވާހެން އުލްޔާއަށް ހީވިއެވެ.
'ދައްތަ ދޭ އަރާމުކޮށްލަން.. އުލްޔާ ކުޑަކޮށް ފިލާވަޅުތައް ހަދާ ފޮތް ކިޔާނީ.' އުލްޔާ އެހެން ބުނުމުން ރަޒީނައްތަ ތެދުވެގެން ގޮސް އެކޮޓަރިން ނުކުތެވެ.
އެކަނިވުމުން އުލްޔާ އެނދުމަތީގައި ބޭއްވި 'މާނުގެ މާ' ނެގިއެވެ. މަލުގެ ފިޔަތަކާ މަޑުމަޑުން ކުޅެލިއިރު އޭނާއަށް ހުރެވުނީ ހިނިތުންވެފައެވެ. މާނު އޭނާއަށް މަލެއް ދިނުންވީ ވަރަށް މާނަ ހުރި ކަމަކަށެވެ. ދައްތަ އެބުނި ގޮތުން އުލްޔާއަށް ޔަގީންވީ އެނޫނީ އަންހެންކުއްޖަކަށް މާނު މަލެއް ނުދޭކަމެވެ. އުލްޔާއަށްވެސް ފިރިހެންކުއްޖަކު މަލެއް އެދިނީ އަލަށެވެ. ޑައިރީގައި ވަރަށް ފުން އިބާރާތުން އޭނާ އެވާހަކަ ލިޔާނެއެވެ. ފިލިޖަހައިގެން ކިޔަން އުޅޭ މީހަކަށްވެސް ލަނޑު ލިބޭހާ ފުންކޮށް ލިޔެލާނީއެވެ.
އެރޭ އުލްޔާއަށް ނިދަން އެހާ އުނދަގުލެއްނުވިއެވެ. ހިތަށް ބަރުވި އިހުސާސްތަކުން މަދު ނަމަވެސް ބައެއް ދައްތައާ ހިއްސާކޮށްލެވުމުން އޭނާ އޮތީ ހިތްހަމަޖެހިފައެވެ. ރިޕޯޓް ފޯމް ދިނުމަށްފަހު ދެވަނަ ޓާރމްގެ ބަންދު ފެށުނީއެވެ. މާންގެ މަންމަ ބުނެފަ އޮތީ އެކުދިންގެ ސްކޫލް ބަންދުގައި ހިންމަފުށްޓަށް ދާނެ ވާހަކައެވެ. އެކަމަކު ރަޒީނައްތަ ބަލި އިރު އެކަންވާނެބާވައޭ އުލްޔާ ހިތަށް އެރިއެވެ. އެހެން އޮއްވާ އުލްޔާއަށް ނިދުނީއެވެ.
(ނުނިމޭ)




