ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 27
މ ޝ 22 މާރޗް 2026 (އާދީއްތަ)   06:20
...އެހާ އުފާވެފައި އުލްޔާ ރަޒީނައްތައާ އެކުވެރިކަމާއެކު ވާހަކަދެއްކި އެއީ ފުރަތަމަ ފަހަރެވެ.

(ކުރީ ހަފްތާއާ ގުޅޭ)

އެ ދުވަހަށްފަހު ރަޒީނައްތައާއި އުލްޔާގެ ގުޅުން ކުރިއަށްވުރެ ގާތްވެ ރަނގަޅުވެއްޖެއެވެ. ކޮންމެ ދުވަހަކު އުލްޔާ ގޮސް ރަޒީނައްތަ ކާހިތްވާ އެއްޗެއް އަހާ އެ އެއްޗެއް ހަދާނެގޮތް އޮޅުންފިލުވައިގެން ތައްޔާރުކޮށްދެއެވެ. ބައްޕަ ނެތުމުން ވަކިން ބޮޑަށް ރަޒީނައްތަގެ ކަންތައް ބަލަން އޭނާ ޖެހޭނެކަމަށް އުލްޔާއަށް އަމިއްލައަށް ގަބޫލުކުރެވޭތީއެވެ. އެހެންވެ ރަޒީނައްތައަށް އުނދަގޫވާ ކަހަލަ ވަސްދުވާ އެއްޗެހިވެސް އެގޭގައި ކެއްކުމާއި ގެންގުޅުން ހުއްޓާލިއެވެ. މާނުމެން ގެއިން ގެންނަ ކާއެއްޗެހިވެސް ފުރަތަމަ ޗެކްކުރަނީ އުލްޔާއެވެ.

އުލްޔާއަށް އެންމެ 11 އަހަރު ނަމަވެސް އެވަރުގެ ކުއްޖަކާ އަޅާބަލާފައި ވަރަށް ތޫނުފިލިވެފައި ހަރުދަނާކަމަށް ރަޒީނައްތަ ބުނި ދުވަހު އުލްޔާ ވަރަށް އުފާވިއެވެ. އެ ދުވަހު ސްކޫލަށް ގޮސްފައިވެސް އުލްޔާއަށް ގިނައިން ހުރެވުނީ ހިނިއައިސްފައެވެ. އެކަމާހުރެ ކްލާސްކުދިންތައް ވަރަށް ސުވާލު ގިނަ ކުރިއެވެ. އުލްޔާ އެއްޗެއް ނުބުނުމުން ބިޓެއް ލިބުނީދޯ އޭ ކިޔާފައި ދިމާކުރަން ފެށީ ޖޯކު ހައްޖައެވެ. އެހިސާބުން އާނ، އެވާނީ ތެދަކަށޭ ކިޔާފައި އެންމެން އުލްޔާ ކައިނުލީ ހަމަ ކިރިޔާއެވެ. ނިޔާޒާއާއި ލިޔުޝާ އައިސް އުލްޔާ ގޮވައިގެން ކްލާހުން ނުކުތީ އުލްޔާ ސަލާމަތްކުރާށެވެ. ފަހުން އެހެން ކުދިންތައްވެސް އެވާހަކަ ދެއްކުން ހުއްޓާލިއެވެ.

އެ އަހަރުގެ ދެވަނަ ޓާމް ނިމިގެން ރިޕޯޓް ފޯމް ލިބުނުއިރު އުލްޔާގެ ނަތީޖާ ރަނގަޅެއްނުވިއެވެ. އިމްތިހާނުގެ ދުވަސްވަރަކީ ރަޒީނައްތަ މާބޮޑަށް ވަރުދެރަ ވެގެން ހޮސްޕިޓަލުގައި ދެފަހަރަކު މަތިން އެޑްމިޓްވެސް ކުރި ދުވަސްވަރެވެ. އެހެންކަމުން ގެއާ ހޮސްޕިޓަލާ ދޭތެރޭ ބުރު ޖަހަމުން ފޮތެއް ބަލާލާނެ ވަގުތު ނުވެ، އިމްތިހާނު ހަދަން ދިޔަ ދުވަސް ދުވަހުގެ އިމްތިހާނުތަކުން އޭނާއަށް ލިބުނީ ސީ ގްރޭޑެވެ. ރިޕޯޓް ފޯމަށް ބަލަބަލާފައި އެކަނި ހުރެ އުލްޔާއަށް ރޮވުނީއެވެ. އެ ނަތީޖާއާމެދު އޭނާގެ ބައްޕަ ބުނާނީ ކީކޭބާވައެވެ. ހަމަގައިމުވެސް މަންމަ ވަރަށް ހިތްހަމަނުޖެހޭނެކަން އުލްޔާއަށް ޔަގީނެވެ. އެކަމަކު އޭނާއަކަށް ދޮގެއް ނުހެދޭނެއެވެ. ކަންތައް ދިމާވި ދެރަ ގޮތް ސިޓީގައި ލިޔެފައި މަންމައަށް އޭނާ ފޮނުވަން ޖެހޭނެއެވެ. ބައްޕަ ރިޒޯޓުން އައުމާއެކު ރިޕޯޓްފޯމް ބަލާނެއެވެ. އެކަމަކު ބައްޕަގެ ސުވާލުތަކަށް ޖަވާބުދޭން އޭނާއަށް މާއުނދަގޫވާނެއެވެ. ބައްޕަ އޭނާ ދެކެ ރުޅި އައިސްގެން އެއްޗެއް ބުނެފިއްޔާ އޭނާއަށް ދެން އެގޭގައި ކިޔަވަން ހުރެވިދާނެބާއޭ ހިތަށް އަރާފައި އުލްޔާއަށް ބޮޑަށް ރޮވުނީއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށުމުން ފާހާނާއަށް ވަދެ މޫނު ދޮވެގެން ތުވާލިން މޫނު ފޮހެމުން އޭނަ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހެވިފައި ހުރީ ސަލްމާނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރީ އަތުގައި ކޮންމެވެސް އެއްޗެއް އޮތީމައެވެ. އުލްޔާ ހުރި ގޮތުން މާނުގެ ހިނިތުންވުން ފިލާދިޔައެވެ. ރަތްވެ ދުޅަވެފައިވާ އުލްޔާގެ ދެލޯ ފެނުމުން ކަމެއް ގޯސްވެއްޖެކަން މާނުއަށް އެނގުނެވެ. ކޮޓަރި ތެރެއަށް ދެމިގަނެފައި ދޮރުވެސް ލެއްޕިއެވެ. އަދި އުލްޔާގެ އަތުގައި ހިފާފައި ގެންގޮސް އެނދުގައި ބައިންދާފައި ކައިރީގައި އިށީނެވެ. މާނުގެ އަނެއް އަތުގައި އޮތް ރަތާ އޮރެންޖްކުލައިގެ ކުޑަ ފިނިފެންމާ އުލްޔާއަށް ދިއްކޮށްލިއެވެ.

'ހަނދާންވޭތަ އެއްކަލަ ދުވަހު ބުނީމެއްނު އެންމެ ރީތީ މިދެކުލަ ހުންނަ މަލޭ. މާނު ދެންމެ އަންނަނިކޮށް ދަރުބާރުގެއިން މި މާ ފެނިގެން ހަމަ އެތާ ގާރޑް ކައިރީ އާދޭސްކޮށްގެން މިމާ ބިނދެގެން މިއައީ. ދެންވެސް ތެންކިއު ބުނެބަލަ.' އެހެން ބުނެފައި އިސްޖަހައިގެން މަލަށް ބަލަހައްޓައިގެން އިން އުލްޔާގެ ދަތްދޮޅީގައި މާނު ހިފެހެއްޓީ އިސްއުފުލާތޯއެވެ.

ދެން ހޭދަވެގެން ދިޔައީ އަޑެއް ބަޑެއް ނީވިދިޔަ ހަމަހިމޭން ވަގުތުކޮޅެކެވެ. ގާތްގަނޑަކަށް ސިކުންތެއްހާ ވަގުތުކޮޅެކެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި އެ ދެކުދިންނާ ދިމާލަށް އައީ ރަޒީނައްތަ ނޫން ދެވަނަ މީހެއް ނޫނެވެ. ހައިރާންވެފައި ހުރި ރަޒީނައްތަގެ މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ އަސަރު ވެރިވީއިރު މާންއެކޭ އެއްވަރަށް އުލްޔާވެސް ހުރީ ބިރުގަނެފައެވެ. މަންޒަރު ފެނުނު ގޮތުން ރަޒީނައްތައަށް ހީވާނީ އެ ދެކުދިން ކުށެއް ކުރީ ކަމަށެވެ. ބިރުގަނެފައި ތިބި ދެކުދިންނަށް އެކުއެކީގައި ކޮޅަށް ތެދުވެވުނެވެ. އުލްޔާއަށް އޭނާގެ އަތުގައި އޮތް މާ ފުރަގަހަށްލާ ފޮރުވާލެވުނީ ރަޒީނައްތަ ބަލަން ހުއްޓައެވެ. އޭގެ ކުރިން އުލްޔާގެ ދަތްދޮޅިން މާން ދޫކޮށްލީވެސް ރަޒީނައްތަ ބަލަން ހުއްޓައެވެ.

'ކީއްތަ ތިކުރަނީ؟ ދޮންތަ ބުނެގެންތަ މާނު ތިއައީ؟ ކީއްކުރަން މިގަޑީގަ އައިސް އުލްޔާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިހިރީ؟' ރުޅިންގޮސް ތުރުތުރުލާފައިވާ އަޑުން ރަޒީނައްތަ ހަޅޭއްލައިގަތެވެ.

'ތިއްތާ ޕްލީޒް... ގޯސްކަމެއް ނުކުރަން. އުލްޔާއަށް ހަދިޔާއެއް ހިފައިގެން އައީ.' މާން ތެދަށް ބުންޏެވެ.

'ދެން ކީއްވެތަ ދޮރު ލެއްޕީ؟' ރަޒީނައްތަ ދުލެއް ނުދިނެވެ.

'މާނު އައިއިރު އުލްޔާ ހުރީ ރޯން... ބޭނުންވީ ހަދިޔާ ދީފަ ރޯ ސަބަބު އަހަން... ހަމަ އެވަގުތު ތިއްތަ އައީ.' އަނެއްކާވެސް މާނު ބުނީ ކަން ހިނގި ގޮތަށެވެ.

'ދެން ހެޔޮ. މިހާރު މަށަށް ރަނގަޅީ މާނު ގެއަށް ދިޔައިއްޔާ. މިހެން މިކަން ވެދާނެތީ މަ މިޖެހެނީ ފާރައަށް ހުންނަން... ތިދެކުދިން އަދިވެސް ކުޑަ.. ވިސްނަން މިހިރީ ހަމައެކަނި ތިއްތައޭ.' ރަޒީނައްތަ އެހެން ބުނިއިރު ހުރީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. 

'ސޮރީ ތިއްތާ... އުލްޔާގެ ފެވަރިޓް ކުލައިގެ މަލެއް ފެނުނީމަ ވަރަށް ހާލުން އޭތި ހޯދައިގެން މިއައީވެސް... މާނު އަދި އެހާ ރަނގަޅު ކަމެއް ކުރީމަވެސް....' ބޮޑާހާކާފައި ތުންދަމާލައިގެން ހުރެ މާނު އެހެން ބުނިގޮތުން އުލްޔާއަށް ހެވެން އުޅުމުން އަނގަމަތީގައި އަތް އެޅިއެވެ. އޭރު ރަޒީނައްތަ ދެލޯ ބޮޑުކޮށްގެން މާނުއަށް ބަލަހައްޓައިގެން ހުއްޓެވެ.

'މާނު މިހާރު އަންހެންކުދިންނަށް މާ ދޭ ވަރުވީ؟ ސުބްހާނަﷲ! މީނަ ބޮޑުވެއްޖެދޯ!' ރަޒީނައްތަ ދިމާކުރަން ފެށުމުން މާނު ދުވަމުންގޮސް ކޮޓަރިން ނުކުތެވެ.

ދެން ރަޒީނައްތަ އެނބުރުނީ އުލްޔާއާ ދިމާލަށެވެ. އަތްދިއްކޮށްލީ އުލްޔާ ފުރަގަހަށް ލައިގެން ހުރި އަތުގައި އެބުނާ މަލެއް އޮތްތޯ ބަލާށެވެ. އުލްޔާ ވަގުތުން ރަޒީނައްތަގެ އަތަށް އެކުޑަ ކުޑަ ރީތި މާ ދިނެވެ. މާނުގެ ހަދިޔާ އޭނާ ފޮރުވަން ބޭނުމެވެ. އެކަމަކު ރަޒީނައްތަ އެމަލަށް ހަދަން އުޅޭ ގޮތެއްވެސް ބަލާލަން އޭނާ ބޭނުމެވެ.

'އަޅެ ރީތި މަލެކޭ ދޯ. މީކޮންތާކުން އެސޮރު ބިނދެގެން ގެނައި މަލެކޯ؟' އުލްޔާ ކައިރީ ރަޒީނައްތަ އަހާލީ މަޖާވެފައި ހުރެއެވެ.

'ބުނީ ދަރުބާރުގެއިންނޭ.. ގާރޑްމީހާ ކައިރީ އާދޭސްކޮށްގެން ބިނދެގެން އައިއްޔޯ.' އުލްޔާ ޖަވާބުދިނެވެ.

'އެހެންތަ... އަން. އުލްޔާގެ ހަދިޔާ އުލްޔާއަށް. އެކަމަކު ބުނެބަލަ ރަޒީނައްތަ ކައިރީ.. ކީއްވެ އުލްޔާ ރުއީ؟' އުލްޔާއަށް މާ ދެމުން ރަޒީނައްތަ އެހިއެވެ.

އުލްޔާ ފިލާވަޅު ހަދަން އިންނަ މޭޒުމަތިން ރިޕޯޓް ފޯމް ގެނެސް ރަޒީނައްތަގެ އަތަށް ދިނެވެ. ރަޒީނައްތަ އުލްޔާގެ ނަތީޖާ ރަނގަޅަށް ބެލިއެވެ. ތިން މާއްދާއަކުން ސީ ލިބުނަސް ދެން އޮތް ހަތަރު މާއްދާއިން އުލްޔާއަށް އޭ ރިޕޯޓް ލިބިފައި އޮތެވެ.

(ނުނިމޭ)

ކޮމެންޓް